މަސްވެރިންގެ ތެރެއިން އެމްއައިބީ އެކައުންޓް ގެންގުޅޭ މަސްވެރިންނަށް ފައިސާ ޖަމާވާނީ 3 ދުވަހުންކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޖަވިޔަނި ނޫހަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ މަސްވެރިންނަށް 48 ގަޑި އިރު ތެރޭގައި ފައިސާ ޖަމާ ކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާނެ ކަމަށާއި އެއްވެސް މައްސަލައެއް ނުޖެހި އެކަން ކުރިއަށް ދާނެ ކަމަށެވެ. އަދި އެމްއައިބީ ކަސްޓަމަރުންނަށް އިތުރު 1 ދުވަސް ނަގާނެކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މަސައްކަތް އެބަ ކުރެވޭ އެމްއައިބީވެސް 48 ގަޑިއިރަށް ހަދަން.
މަސްވެރިން ބާނާ މަހަށް 48 ގަޑި އިރު ތެރޭގައި ފައިސާ ލިބޭނެ ގޮތް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު މިއަދު ކ. ގާފަރު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު ވަނީ އެ ވައުދުފުޅާ އެއްގޮތަށް މާދަމާއިން ފެށިގެން ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ އޮޑިވެރިންނަށް 48 ގަޑި އިރު ތެރޭގައި ފައިސާ ޖަމާވާނެކަމުގެ އުފާވެރި ހަބަރު ދެއްވާފަ އެވެ. އަދި އެމްއައިބީގައި އެކައުންޓް ހުޅުވާފައިވާ ފަރާތްތަކަށްވެސް 48 ގަޑި އިރު ތެރޭގައި ފައިސާ ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ.
މާދަމާއިން ފެށިގެން ބީއެމްއެލް ގައި އެކައުންޓެއް އޮވެއްޖެ ނަމަ ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކުން މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރުމުގެ ކަންތައް އެ އޮތީ ހަމަޖައްސައިދީފަ.
މިއީ ފިނޭންސް މިނިސްޓްރީއާއި ބީއެމްއެލްގެ އިތުރުން މިފްކޯއާ ދެމެދު ހެދުނު އެއްބަސްވުމެއްގެ ދަށުން ހަމަޖެހިގެން ދިޔަ ކަމެއްކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން ބޭނުންވާ ގޮތަށް މަސްވެރިކަމުގެ ސިނާއަތް ގެންގޮސްދެއްވާނެ ކަމަށެވެ.
މަސްވެރިކަން މިނިސްޓަރު އަހްމަދު ޝިޔާމް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް