ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކ. ގާފަރަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.
ރައީސް މުއިއްޒު ގާފަރަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިއީ ރައީސް މުއިއްޒު އއ. އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.
ރައީސް ގާފަރަށް ވަޑައިގެންނެވުމުން ރަށުގެ ކުދި ބޮޑު ގިނަ ރައްތިޔުން ވަނީ ބަނދަރު މައްޗަށް ނިކުމެ ރައީސަށް މަރުހަބާ ކިޔާފަ އެވެ. މީގެ އިތުރުން ގާފަރު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބޭފުޅުންވެސް ވަނީ ބަނދަރު މަތިން ރައީސްއަށް މަރުހަބާ ދަންނަވާފަ އެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ގާފަރު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކ. ކާށިދޫ ކައުންސިލާއި، ކާށިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަދު ރައީސް މުއިއްޒު ވަޑައިގަންނަވާ ރަށްތަކުގެ ތެރޭގައި ކ. ހުރާ އަދި ކ. ހިންމަފުށި ހިމެނެ އެވެ. ރައީސް މުއިއްޒު ވަނީ އިއްޔެ ތޮއްޑޫ، ރަސްދޫ އަދި މަތިވެރިއަށް ވަޑައިގަންނަވާފަ އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގަ އެވެ.