ބޭރު ފައިސާއާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ބޭރު ފައިސާއާބެހޭ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ.
މި ބިލު ހުށަހަޅާ ސަބަބުގެ ގޮތުގައި ބުނެފައިވަނީ، ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި ރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުސޫލުތަކާއި، އެނޫންވެސް ބޭރު ފައިސާއާއި ބޭރު ފައިސާއާބެހޭ މުއާމަލާތްތަކާގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނެ ކަމާބެހޭ ހަރުދަނާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުން ކަމަށެވެ.
މި ބިލުގައި ބުނެފައިވަނީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބޭ އާމްދަނީގެ ތެރެއިން އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮަލަރަށް ނިސްބަތްވާ އަދަދެއް ލިބޭ ފަރާތްތައް އެ ފައިސާ ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާލުކުރަންވާނެ ކަމަށެވެ.
މީގެއިތުރުން މި ބިލުގައި ބުނެފައިވަނީ ރިޒޯޓްތަކާއި، ޕްރައިވެޓް އައިލލަންޑްތަކާއި، ރިޒޯޓް ހޮޓާތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ. ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ބޭންކަކަށް ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ.
ބިލުގައި ބުނެފައިވަނީ ކެޓެގަރީ ބީ ގައި ހިމެނޭ ޓޫރިސްޓް އުޅަނދުތަކާއި، ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ. ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ބޭންކަކަށް ރުފިޔާއިން މާރުކުރަން ވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު