ފެމިލީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމަކުން، ހުއްދަނެތި ނިކުތުމުން ތިން ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރި އަންހެން މީހާއަށް މައާފު ދީފި އެވެ.
އަންހެން މީހާ ތިން ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ، ފެމިލީ ކޯޓުގައި ޝަރީއަތެއް ހިނގަމުންދަނިކޮށް ގާޒީގެ ހުއްދަނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުދެވޭނެ ކަމާއި، ފިޔަވަޅު އެޅޭނެކަން އަންގާފައިވަނިކޮށް ގާޒީގެ ހުއްދަނެތި ޝަރީއަތުގެ މަޖިލީހުން ނުކުމެ، ކޯޓުގެ ހުއްދަނެތި ކޯޓުން ނުކުމެގެން ގޮސްފައިވާތީ އެވެ. މިކަމަކީ ޝަރީއަތުގެ ނިޒާމާ ހިލާފު އަދި ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލަށްވާތީ އަންހެންމީހާއަށް 3 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 25 ނޮވެމްބަރުގަ އެވެ.
އެހެންނަމަވެސް ނޮވެމްބަރު 26 ވަނަ ދުވަހު ފެމިލީ ކޯޓުން ވަނީ އެ އަންހެން މީހާއަށް މައާފު ދީފަ އެވެ.
އަންހެން މީހާއަށް މައާފުދީ ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ، ކޯޓުގެ ހުރުމަތް ކަނޑާފައިވާކަމަށް އަންހެން މީހާ އިއުތިރާފުވެ، އެކަމަށް މައާފަށް އެދިފައިވާ ކަމަށެވެ. އަދި ކޯޓުގެ ހުރުމަތްކެނޑުމުން އަޅާ ފިޔަވަޅެއް މައާފު ކުރެވޭނެގޮތެއް ފެމިލީ ކޯޓުގެ އާއިލީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ނެތްނަމަވެސް މިފަދަ ހާލަތްތަކުގައި ކޯޓުން އަޅާ ފިޔަވަޅުތައް މައާފުކުރަން ހުރަހެއް ނެތްކަމަށެވެ.
އެހެންކަމުން އެ އަންހެންމީހާއަށް އިއްވި ތިން ދުވަހުގެ ޖަލު ހުކުމް ތަންފިޒުނުކޮށް ދޫކޮށްލުމަށް ފެމިލީ ކޯޓުން ވަނީ ނިންމާފަ އެވެ.