އދ. އެއްލައިދޫ ރިސޯޓުގެ ކައްކާ މަރާލި މައްސަލައިގައި ހިމެނޭ ބޭރު ހެކިންގެ ހެކިބަސް ނެގުމަށް ފަހު ފުރުސަތެއް ދައުލަތަށް ދީފި އެވެ.
2019 ޖެނުއަރީ 10 ވަނަ ދުވަހުގެ ރޭ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ކައްކާ މަރާލީ ބިސްގަނޑެއް އަޅާ ނުދިިން މައްސަލައިގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ނެވެ. ވަޅިއަކުން ހަމަލާދީ ކައްކާ މަރާލި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލައިގައި ހިމެނޭ ގިނަ ހެކިންތަކެއް ރާއްޖެއިން ބޭރުގައިވުމުން ވަނީ ހެކިބަސް ނުނެގިފަ އެވެ. އޭގެތެރޭގައި އެ ރިސޯޓުގައި މަސައްކަތްކުރި ލަންކާގެ 6 މީހަކު ހިމެނެ އެވެ. މީގެކުރިން މި މައްސަލައިގައި ބޭއްވި އަޑުއެހުމުގައި، ހެކިން ހާޒިރު ނުކުރެވި މައްސަލަ ދިގުލައިގެންދާތީ ނިންމާފައިވަނީ ހެކިން ހާޒިރު ކުރުމުގެ މަސައްކަތް ހުއްޓާލުމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެ ހެކިން ތިބި ތަން މިހާރު ސާފުވެފައިވާ ކަމަށެވެ. މި ހެކިންނަކީ މައްސަލައިގައި ހިމެނޭ ވަރަށް މުހިންމު ހެކިންނަށް ވާތީ އެ މީހުންގެ ހެކިބަސް ލަންކާގައި ހުންނަ އެމްބަސީ މެދުވެރިކޮށް ނެގުމަށް އެދުނެވެ.
މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ހެކިބަސް ނެގުމަށް އަނެއްކާ ވެސް ފަހު ފުރުސަތެއް ދިނުމަށެވެ. އެގޮތުން ހެކިބަސް ނެގުމަށް އަންނަ މަހު އަޑުއެހުމެއް ބޭއްވުމާ ގުޅޭގޮތުން ވާހަކަ ދެއްކި އެވެ.