ރާއްޖެއިން އާ ބާވަތެއްގެ މަހެއް ހޯދައިފި އެވެ.
ކަނޑުގެ އެންމެ ފުން ހިސާބުން ފެންނަ މި މަސް ފެނިފައިވަނީ ޅ. އަތޮޅުން ކަމަށް އެ މަސް ހޯދި ދިރާސާ ކާރުންނާއި ހަވާލާދީ މަޝްހޫރު ’ފޯބްސް‘ މެގަޒިންއިން ޝާއިއުކުރި ހަބަރެއްގައި ވެއެވެ. މަޑު އަޅި ނޫ ކުލަ ހުންނަ މި މަހަށް ދީފައިވަނީ ”ކްރޯމިސް އަބަދަށް“، މި ނަމެވެ. އެ މަހުގެ ލޯ ކައިރީގައި ރިހި ކުލަ ހުންނަ ކަމަށް ދިރާސާކާރުން ބުނެފައި ވެއެވެ.
ނަމަވެސް މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނީ ރާއްޖޭގެ 8 ސަރަހައްދަކުން މި މަސް ފެންނަ ރެކޯޑް ކުރެވިފައިވާ ކަމަށެވެ. އެއީ ފާފު އަތޮޅުން ފެށިގެން ދާލު އަތޮޅާއި ހަމައަށް، 180 ކިލޯމީޓަރުގެ ސަރަހައްދަކުން ނެވެ.
މި މަސް ފެނިފައިވަނީ 95 މީޓަރާއި 110 މީޓަރާއި ދެމެދުގެ އަޑިން ކަމަށާއި، އެތަނުން ކަނޑުގައި އަލި ފަނޑުވާން ފަށާ ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެ އެވެ.
މިއީ ބޮޑުމިނުގައި 6.9 ސެންޓިމީޓަރު ހުންނަ މަހެކެވެ.
މެރިން ރިސާޗް އިންސްޓިޓިއުޓުން އިތުރަށް ބުނެފައިވަނީ މި މަހުގެ ތެރެއިން ހަތަރު މަސް ބާނާ ތަހުލީލުކޮށްފައިވާ ކަމަށެވެ.