ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ”އިންޒާރެއް“ ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެކަމާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން މިހާރު ދަނީ ބަލަމުންނެވެ.
އިއްޔެ ރޭ ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި މި ”އިންޒާރު“ ދިނީ އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަބްދުއްރަޙްމާން އިސްމާއިލެވެ. އޭނާ ވަނީ ރައީސް މުއިއްޒު ޤާނޫނުއަސާސީއާ ކުޅޭ ކަމަށްވާނަމަ، ”ރީތި ކެއްސެއް“ ލިބިގެންދާނެ ކަމަށް ބުނެފައެވެ.
އަބްދުއްރަޙްމާން އިސްމާއިލް ވިދާޅުވި ގޮތުގައި، ”ކެރިގެނޭ މި ތިބީ މުޙައްމަދު އަމީން ވެސް ކުޅުނީ ދުންފަތާ، މީނަ (ރައީސް މުއިއްޒު) މި ކުޅެނީ ޤާނޫނުއަސާސީއާ، މުޙައްމަދު އަމީންއަށް ވީ ގޮތް ވެސް ފެނިގެންދާނެ ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އެހެންވީމަ ޤާނޫނުއަސާސީ ކުޅޭ ކަމަށްވާ ނަމަ، ފެންނާނެ ރީތި ކެއްސެއް ލިބިގެންދާނެ.“
މި މައްސަލަ ކުރިމަތިވެފައިވަނީ އެމްޑީޕީން ”ޤާނޫނުއަސާސީގެ ދިފާޢު“ ގެ ނަމުގައި މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ. މި އެއްވުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭގައެވެ.