މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ހުޅުވާލައިފި އެވެ.
ކެޕިޓަލް މާކެޓަށް އެ ބޮންޑު ނެރެދޭން މަސައްކަތް ކުރި ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުނީ، މި ބޮންޑު ވިއްކާނީ ދެ މަރުހަލާއަކަށް ބާހަލައިގެން ކަމަށެވެ.
އެގޮތުން، 200 މިލިއަން ރުފިޔާގެ ބޮންޑަކަށް އިންވެސްޓުކުރުމަށް އެމްޑަބްލިއުއެސްސީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައިވާއިރު މި ބޮންޑު އިންވެސްޓުކުރާ ފަރާތްތަކަށް ފަސް އަހަރު ތެރޭ އަހަރަކު 7.5 އިންސައްތައިގަ އިންޓްރެސްޓް ލިބޭނެ ކަމަށްވެސް ފަސްޓް ނޭޝަނަލް އިން ބުނެފައިވެ އެވެ.
ފަސްޓް ނޭޝަނަލް އިން ބުނީ، މި ބޮންޑު ވިއްކުމުގެ މަގުސަދަކީ އެމްޑަބްލިއުއެސްސީން ހިންގާ މަޝްރޫއުތަކާ ވިޔަފާރިތަކަށް ފައިނޭންސް ހޯދުން ކަމަށެވެ.
އޭގެތެރޭގައި، ފެނާއި ނަރުދަމާގެ ޚިދުމަތަށް ބޭނުންވާ އިންވެސްޓުމަންޓުތަކާއި މިހާރު އަތޮޅުތަކުގައި ކުރިއަށް ގެންދާ ނަރުދަމާގެ މަޝްރޫއުތައް އަވަސްކުރުމުގެ އިތުރުން، ކުންފުނިން އުފައްދާ ބައެއް ސާމާނުގެ ވިޔަފާރި ފުޅާ ކުރުން ހިމެނެ އެވެ.