އަވަދިނެތިވުމަކީ ނަމާދު އެޅުމަށް އޮތް ޢުޛުރެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުުވެއްޖެ އެވެ.
މިއަދުގެ ހުތުބާގައި އިސްލާމްދީނުގެ ތަނބުކަމުގައިވާ ނަމާދުގެ މުހިންމުކަމާއި، އެ އަޅުކަން އަދާކުރުމުގެ މަތިވެރިކަން ފާހަގަކޮށް، ކޮންމެ މުސްލިމަކުވެސް ނަމާދަށް އިސްކަންދޭންޖެހޭ ކަމަށް ބާރުއަޅުއްވައިފައިވެ އެވެ.
ހުތުބާގައި ވިދާޅުވި ގޮތުގައި ނަމާދަކީ ކޮންމެ މުކައްލަފަކު ކުރުން ވާޖިބުވެގެންވާ އަޅުކަމެކެވެ. މީގެ ތެރޭގައި ރަށުގައި ޤާއިމުވެހުރި މީހާއާއި ދަތުރެއްގެމަތީގައިވާ މީހާއާއި ބަލި ތަންމަތީގައި އޮންނަ މީހާވެސް ހިމެނެއެވެ. ނަމާދު ނުކުރެވޭނެ ހަމައެކަނި ޙާލަތަކީ ތިމާގެ ބުއްދި ފިލައިދިއުން ކަމަށް ހުތުބާގައި ފާހަގަކުރެއްވި އެވެ.
”މަސައްކަތުގައި އަވަދިނެތި އުޅުމަކީ ތިމާ ނަމާދުތަކަށް ފަރުވާކުޑަކުރާން ޖެހޭ ސަބަބެއް ނޫނެވެ. ދިރިއުޅުމުގެ ބޭނުން ފުއްދުމަށް ޓަކައި ކޮންމެ ފަދަ މަސައްކަތެއް ކުރިކަމުގައި ވިއަސް ނަމާދު ވަގުތު ޖެހުމުން އެ ނަމާދުކުރާން އަވަސްވެގަންނާން ޖެހެއެވެ،“ ހުތުބާގައި ވިދާޅުވި އެވެ.
ދިވެހިންނަކީ ޒަމާނުއްސުރެ ކާންބޯން ބުރަ މަސައްކަތްތައް ކުރާ ބައެއްކަން ހުތުބާގައި ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް، އޮފީހުގައި ބުރަކޮށް އުޅެމުން ދިރިއުޅުމުގެ އެހެން ކަންތައްތަކަށް ސަމާލުކަން ދޭއިރު ނަމާދަކީ އެންމެ ބޮޑަށް އިސްކަންދޭން ޖެހޭ ކަންތައް ކަމަށް އަލިއަޅުވާލެއްވި އެވެ.
ހުތުބާގައި އިތުރަށް ވިދާޅުވި ގޮތުގައި، ބައެއް ބާވަތުގެ މަސައްކަތުގައި އުޅޭންޖެހޭ ގޮތުން މިސްކިތުގެ ޖަމާގެ ޖަމާޢަތަށް ހާޒިރުވުމަށް ދަތިތަކެއް ހުރެދާނެ އެވެ. އެފަދަ މީހުންނަށް އޮތީ އެ ތިބި ތަނެއްގައި ތިބެ ނަމާދުކުރުމެވެ. ނަމަވެސް މިސްކިތު ޖަމާޢަތަށް ހާޒިރު ނުވެވުމަކީ ނަމާދު އެޅުމަށް އޮތް އުޒުރެއް ނޫން ކަމަށް ހުތުބާގައި ބާރުއަޅުއްވައިފައިވެ އެވެ.