ކެފޭ ރެސްޓޯރެންޓްތަކުން ގަވާއިދާއި ހިލާފަށް އުޅޭ 7 ބިދޭސީން އަތުލައިގެންފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ވަނީ އެ މުއައްސަސާގެ ޓާސްކުފޯހުން އިއްޔެ ހަވީރު މާލޭގައި ރެއިޑު އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން ކެފޭ/ރެސްޓޯރަންޓު ހިންގާ 10 ތަނެއް ބަލައި ފާސްކޮށްފައި ވެއެވެ. އެގޮތުން، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 07 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 5،000 ބިދޭސީން ވަނީ ޑީޕޯޓުކޮށްފަ އެވެ.
ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ރެކޯޑް އަދަދަކަށް ގައުމަށް އަނބުރާ ފޮނުވާލާފައިވާއިރު، އެތެރޭގައި ގަވާއިދާއި ހިލާފަށް އެކިއެކި ވިޔަފާރިތައް ކުރަމުންދިޔަ ބިދޭސީން ގިނަކަމަށް ޝަމްއާން ވިދާޅުވިއެވެ. އަދި އަންނަ އަހަރު މި އޮޕަރޭޝަން އިތުރަށް ފުޅާކުރައްވާނެ ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.
ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމުގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ތަފްސީލީ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން ބައޯމެޓްރިކްސް ހިމެނޭހެން 10000 ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ.