ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ގ. ނޫރަންފިނި، މަރްޔަމް އިންޝާ ފައިސަލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.
އެންއައިސީގެ މެންބަރުކަމަށް އިންޝާގެ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވަނީ މިދިޔަ މަހުއެވެ. މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން އިންޝާ އެ މަގާމަށް އައްޔަންކުރުމަށް ފާސްކޮށްފައިވެއެވެ.
ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލުކުރައްވާފައިވާ އިންޝާ ވަނީ މީގެ ކުރިން އެންއައިސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
2015 ވަނަ އަހަރު އުފައްދާފައިވާ އެންއައިސީއަކީ ކަސްޓަމްސް، ފުލުހުން، ކަރެކްޝަންސް އަދި އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ތަހުގީގުކުރުމަށާއި، އެފަދަ ކަމަކަށް ތުހުމަތުކުރެވި ހުށަހެޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މުހިންމު ކޮމިޝަނެކެވެ.
އިންޝާގެ އައްޔަންކުރުމަށް މަޖިލީހުގެ ކޮމިޓީން ރުހުން ދިނުމާއެކު، ދެން އޮތީ މަޖިލީހުގެ ޖަލްސާއަކުން މި ނަން ފާސްކުރުމެވެ.
ނޭޝަނަލް އެންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ