ގަލޮޅު ސަހަރާގައި ކުރަމުންދާ މަސައްކަތަކާ ގުޅިގެން އެ ސަހަރާގެ ބައެއް ސަރަހައްދުތަކުން މަހާނަތައް ނަގަން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، ގަލޮޅު ސަހަރާގެ ހުޅަނގު އުތުރު ފަރާތާއި އިރުދެކުނު ފަރާތުގައި ހުރި މިނި ކަށިތަކާއި މަހާނަ ގާތައް ނަގަން ޖެހިފައިވަނީ އެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ.
މި މަސައްކަތާ ގުޅޭގޮތުން ކައުންސިލުން ވަނީ އެ ސަރަހައްދުތަކުގައި މަހާނަގާ ޖަހާފައިވާ ފަރާތްތަކަށް މި މަހުގެ 15 ގެ ކުރިން އެ ގާތައް ނަގައިގެން ގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ މަހާނަ ގާތައް ކައުންސިލުން ނަގައި ނައްތާލާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލުން ދަނީ މާފަންނު ސަހަރާގެ ހުރިހާ މަހާނަ ގާތަކާއި މިނި ކަށިތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މާފަންނު ސަހަރާ ހުސްކުރަނީ އެތަނުގައި ސަރުކާރުން ޕާކިން ބިލްޑިންއެއް އެޅުމަށް ރޭވިފައިވާތީ އެވެ.