މޯލްޑިވްސް ޑިމަކުރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އަބަދުވެސް ޤައުމު އިނދަޖައްސާ ޕާޓީއެއް ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލަމާން ވިދާޅުވެއްޖެ އެވެ.
ލަމާން މިހެން ވިދާޅުވެފައި ވަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ލަމާން ވިދާޅުވެފައި ވަނީ، އެމްޑީޕީން ބާއްވާ ޖަލްސާ އަކީ ޤާނޫނު އަސާސީއާއި އިދިކޮޅަށް، ޑޮލަރުގެ ނާޖާއިޒް ފައިދާ ނެގުމާ އެއްކޮޅަށް، ވައްކަމާ ފޭރުން ހިމާޔަތްކުރުމަށް، ޤައުމުގެ ސުލްހަމަސަލަސްކަން ފުނޑާލުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.
”އެމްޑީޕީއަކީ އަބަދުވެސް ޤައުމު އިނދަޖައްސާ ޕާޓީ.“
އެމްޑީޕީ އިން އެއްވެސް ކަމެއްގައި ދުވަހަކުވެސް ރައްޔިތުންނަށް ހެވެއް ނޭދޭނެ ކަމަށާއި، ރައްޔިތުންގެ ލޮލުގައި މުޅިން އަނދުން އަޅުވައިގެން ޤައުމު ބިކަކުރީ އެމްޑީޕީ އިން ކަމަށްވެސް ލަމާންގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.
ލަމާން މިގޮތަށް ވިދާޅުވެފައި މިވަނީ އެމްޑީޕީ އިން މިފެށޭ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ގާނޫނު އަސާސީގެ ދިފާއުގައި އެ ޕާޓީއިން ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައި ވަނިކޮށެވެ.