ކޯހުން ފާސްވުމަށް އެސެސްމެންޓްތަކުން 50 އިންސައްތަ ހޯދަން ޖެހޭ ގޮތަށް ހަދައިފި އެވެ.
މިކަން ބަޔާންކޮށްފައިވަނީ 03 ޑިސެމްބަރ ވީ ދުވަހު މޯލްޑިވިސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)ގެ ފަރާތުން ޝާޢިއުކުރި ޢިއުލާނުގައި، ”ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން“ އަށް ގެނައި އިސްލާހުގަ އެވެ.
މި އިސްލާޙުގެ ދަށުން، 50 ’އިންސައްތަ ކޮންޓްރޯލްޑް އެސެސްމަންޓް‘ ގައި ހިމެނޭ ކޮންމެ ބަޔަކުން ފާސްވުމަށް ވަނީ ލާޒިމްކޮށްފައެވެ. އަދި މިފަދަ އެސެސްމަންޓްތަށް ކުރިއަށްގެންދަންވާނީ ”ގައިޑްލައިންސް ފޮރ ޕްރޮގްރާމް އެކްރެޑިޓޭޝަން“އާއި އެއްގޮތްވާގޮތުގެ މަތިންކަމަށް އެމްކިޔުއޭ އިން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން، މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ކުރިން އެޕްރޫވަލް ދެވިފައިވާ ކޯސްތަށް ކުރިއަށްގެންދިޔުމުގައި، މި ގައިޑްލައިންއަށް ގެނެސްފައިވާ ބަދަލަށް ޢަމަލުކުރުމަށް ވެސް ވަނީ އަންގާފައެވެ.
މި ނިންމުމަކީ ވަކިން ހާއްސަކޮށް ދަރިވަރުންގެ ފަރާތުން އެސައިމެންޓްތައް ފުރިހަމަ ކުރުމަށް އެހެން މީހުން ހޯދުމާ ގުޅޭ ގޮތުން ނަޒާހަތްތެރިކަމާ މެދު ކަންބޮޑުވުންތައް އިތުރުވަމުންދާތީ އެޅި ފިޔަވަޅެއް ކަމަށް އެމްކިއުއޭ އިން ބުނެފައި ވެއެވެ.
މިފަދަ އަމަލުތަކާއި ދެކޮޅަށް އެމްކިޔުއޭއިން ވަނީ ކޯހެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށް ސެޓްފިކެޓް ހޯދުމަށްޓަކައި މަތީ ތައުލީމުދޭ މަރުކަޒުން ދޭ އިމްތިހާނުން މަދުވެގެން 50 އިންސައްތަ ފާސްވާ ރޭޓެއް ހޯދަން ލާޒިމުކޮށްފަ އެވެ. އެމްކިޔުއޭގެ ސީއީއޯ، މަރްޔަމް ފިޒާނާ ރަޝީދު ވިދާޅުވީ ކޯސްތަކުގައި ދަރިވަރުންނަށް ޙަވާލުކުރެވޭ އެސައިންމަންޓްތަށް އެހެންމީހުން ލައްވައި ތައްޔާރުކުރުމާއި، ޗެޓްޖީޕީޓީ‘ ފަދަ އޭއައިގެ ވަސީލަތްތަށް ބޭނުންކޮށް އެސައިންޓްމަންޓްތަށް ފުރިހަމަކުރުމަކީ މިހާރު ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
މިފަދަ މައްސަލަތަކަށް ޙައްލު ހޯދުމަށް އަމާޒުކޮށް، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ މާއްދާއެއްގައި ވެސް ކޮންޓްރޯލްޑް އިމްތިހާނުން (ލެކްޗަރާއެއްގެ ހާޒިރުގައި ދަރިވަރުންހަދާ އިމްތިހާނު ނޫނީ ޕްރެޒެންޓޭޝަން) 50 އިންސައްތަ ހާސިލު ނުކުރާނަމަ ކޯހުން ފާސްނުވާނެ ކަމަށް އެމްކިޔުއޭ އިން ވަނީ ނިންމާފަ އެވެ.
މަތީ ތަޢުލީމު ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ދަރިވަރުންނަށް އެއްވެސް އެހެން އިމްތިހާނެއް ހެދުމަކާއި ނުލައި 100 އިންސައްތަ މާކްސް ހަމައެކަނި އެސައިންމަންޓުން ހޯދައިގެން ފާސްވާ މާއްދާތަށް ވެސް އެކި ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުގައި ކުރިއަށް ގެންދެއެވެ. ނަތީޖާއެއްގެ ގޮތުން، އެސައިންމަންޓް ގަނެވިއްކުން އިތުރުވެ، ގާބިލް ނޫން ފަރާތްތަކަށް މަތީ ތައުލީމުގެ ސަނަދު ވަނީ ލިބިފަ އެވެ. މި މަސައްލައަށް ހައްލު ހޯދުމަށްޓަކައި، އެމްކިޔުއޭ އިން ވަނީ މިހާރު އެކްރެޑިޓްކުރުމަށް ހުށަހަޅާ ކޯސްތައް އެކްރެޑިޓް ކުރުމުގައި، އައު އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް ކޮންޓްރޯލްޑް އެސެސްމަންޓް އިން 50 އިންސައްތަ ހާސިލުނުކޮށް، ފާސް ނުވާނެ ގޮތަށް ނިންމަވާފަ އެވެ.
މަތީ ތައުލީމާއި ތަމްރީނުގެ ގަވާއިދުގެ 65 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮއްފައިވާ ގޮތުގެ މަތިން ދަރިވަރުންގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމަކީ ގާނޫނީ ކުށެކެވެ. މިފަދަ އަމަލުތައް ހިންގާ ދަރިވަރުންނަށް ފިޔަވަޅު އެޅުމުގެ ގޮތުން އެދަރިވަރަކު 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެކަމަށް، ހަމަ މި މާއްދާގައި ވަނީ ބަޔާންކޮށްފަ އެވެ. އެފަދަ ކަންކަން ހުއްޓުވުމަށް ތައުލީމީ މުއައްސަސާތަކުން ހަރުދަނާ މޮނިޓަރިން ނިޒާމުތަކެއް ގާއިމްކޮށް، ޖޫރިމަނާ ކުރުމުން ބޭރުން ފިޔަވަޅު އެޅޭނެ ގޮތް ހެދުމަށް ވެސް މިކަމާއި ބެހޭ ގާނޫނުގައި ބުނެފައިވެ އެވެ.
އެގޮތަށް ނިންމީ މަތީ ތައުލީމުދޭ މުއައްސަސާތަކުގެ އިސްވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށާއި، ވަރަށް އަވަހަށް އެކަން އާންމުކޮށް އިއުލާންކުރާނެ ކުރާނެ ކަމަށް ވެސް ފިޒާނާ ވިދާޅުވި އެވެ.
2021 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފެށި މަތީ ތައުލީމުގެ ގާނޫނުގައި ކޯސްވޯކް ފުރިހަމަ ކުރުމަށް އެހެން މީހުންގެ މަސައްކަތް ގަންނަ ދަރިވަރުންނާއި އެފަދަ ހިދުމަތްތައް ދޭ މީހުން ވެސް ޖޫރިމަނާ ކުރެ އެވެ.
މި މައްސަލައިގައި ދަރިވަރުން 5،000 ރުފިޔާ އިން ޖޫރިމަނާ ކުރާއިރު، އެސައިންމެންޓް ހަދައިދިނުމުގެ ހިދުމަތް ވިއްކާ ފަރާތްތައް 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ކަނޑައަޅާފައިވެ އެވެ.