އިންތިހާބުކުރާތާ މާ ގިނަ ދުވަސް ނުވަނީސް ރައީސްްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުން މާ އަވަސް ކަމަށް މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
ނަރީޝް މިގޮތަށް ވިދާޅުވީ އެމްއެމް ޓީވީގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ހަމަޖެހިލައިގެން ވެރިކަން ކުރުމުގެ ފުރުސަތު އެއްވެސް ރައީސަކަށް ނުލިބޭ ކަމަށެވެ. ވެރިކަން ފަސޭހައިން ލިބުނަސް ވެރިކަން ކުރާނެ ފުރުސަތު ފަސޭހައިން ނުލިބޭ ކަމަށް ނަރީޝް ވިދާޅުވި އެވެ.
”އަޅުގަނޑު ސިފަކުރާނީ މިކަހަލަ ގޮތަކަށް. ކައިވެނިކޮށްފަ ޕާޓީދީފަ ހެނދުނު އިރުނާރާއިރަށް ބަފާބެ އެހުން ’ކަލޭ ކޮންކަހަލަ މީހަކާތޯ އިނދެގެން ތިއުޅެނީ؟ ހަމަ މިހާރު ވަރި ކުރަންވާނެޔޭ'“
ވެރިކަން ކުރަން ތާއީދު ކުރާ އެންމެން ބޭނުންވާހާ ކަމެއް ނުުވުމުން ރައީސުލްޖުމްހޫރިއްޔާ ގޯސްކޮށްލާ ކަމަށް ނަރީޝް ވިދާޅުވި އެވެ. އެއާއެކު، އެ ރައީސަކު އަޒުލުކުރަން އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ބައެއް މީހުން ގޮވާ ކަމަށްވެސް ނަރީޝް ވިދާޅުވި އެވެ. ފައިސާ ހުރި ބައެއް ވެއްޖެެއްޔާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަންނަން މަސައްކަތްކުރާ ކަމަށް ނަރީޝް މިސާލެއްގެ ގޮތުގައިް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވީ މިފަދަ ގޮތަކަށް ކަންކަން ދިއުމުން ގައުމުގެ ސްޓެބިލިޓީއާއި ހަމަޖެހުން ހިނގައިދާ ކަމަށެވެ. ހަމަޖެހުމެއް ނެތިއްޔާ ގައުމެއް ތަރައްގީނުވާނެ ކަމަށް ނަރީޝް ވިދާޅުވި އެވެެ.