ހުރަވީ ދުވަހަކީ ގައުމަށް ހިޔާނާތްތެރިވުމާއި އަމާނާތްތެރިވުމުގެ މިސާލު ދައްކުވައިދޭ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. މި ޕޯސްޓުގައި ރައީސް ވަނީ މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާއި ރީތި އަޚްލާޤަކީ މިއަދު ލިބިގަންނަވި އެންމެ އަގުހުރި ފިލާވަޅު ކަމަށެވެ.
ހުރަވީ ދުވަހުގެ ގޮތުގައިފާހަގަކުރަނީ ހިޖުރީގޮތުން ކޮންމެ އަހަރެއްގެ ޖުމާދުލްއާޚިރާ މަހުގެ 3 ވަނަ ދުވަހުއެވެ. މިއީ ދޮންބަންޑާރައިން، ހޮޅީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރައްވައި ދިވެހިޤައުމު މިނިވަން ކުރެއްވި ދުވަހެވެ.
————
ދިވެހި ތާރީހުގެ ތެރެއިން ހުރަވީ ދުވަސް
ހުރަވީދުވަސް އަކީ އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީގެ ނަންފުޅަށް ނިސްބަތްކޮށް ފާހަގަކުރެވޭ ދުވަހެކެވެ. މި ދުވަހުގެ މައިގަނޑު މަޤްޞަދަކީ އެ މަތިވެރި ބަޠަލު ހޯއްދަވައިދެއްވި މިނިވަންކަމާއި ޤައުމިއްޔަތު ދަމަހައްޓައި، ދިވެހިންގެ ހިތްތަކުގައި އެކަމުގެ ރޫޙު އާލާކޮށް ދިރުވުމެވެ.
އައްސުލްތާން ޣާޒީ ހަސަން އިއްޒުއްދީނުލް ހުރަވީ އަކީ މާލެއަތޮޅު ހުރާ އަލްވަޒީރު ޙުސައިން ދަހަރާ ތަކުރުފާނުގެ ދަރިކަލުން، އަލްވަޒީރު މ އަލްވަޒީރު މުޙައްމަދު ފާމުލަދޭރި މަނިކުފާނުގެ ދަރިކަލުން ދޮން ހަސަން މަނިކުފާނު ނުވަތަ މުލީގޭ ދޮން ހަސަން މަނިކުފާނެވެ. މާމަފުށިން ގުޅިވަޑައިގަންނަވަނީ ހުރާ ދޮންމަރުދުރުގެ ފަނޑިޔާރު ތަކުރުފާނާ އެވެ. އެމަނިކުފާނުގެ އަނބިކަނބަލުންނަކީ ފެންފުށީ ކަކާ އަޅި ތަކުރުފާނުގެ ދަރިކަނބަލުން އާމިނާ ފާނެވެ.
ހިޖުރީ ސަނަތުން 1166 ވަނަ އަހަރުގެ ޞަފަރު މަހުގެ 3 ވަނަ ދުވަހު (މީލާދީ ގޮތުން 1752 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު) މަލާބާރީންގެ ލަޝްކަރެއް ރާއްޖެއަށް އައިސް، އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވި އައްސުލްތާން މުކައްރަމް މުޙައްމަދު އިމާދުއްދީން 3 ވަނަ ސިރީ ނަވަރަންނަ ކީރިތި މަހާރަދުން އަތުލައިގަނެ، ކަންނަންނޫރަށް ގެންދިޔަ އެވެ. އަދި މާލޭގައި އެމީހުންގެ ވެރިކަން ޤާއިމުކުރި އެވެ. މިކަން ހިނގީ ޤައުމަށް ޚިޔާނާތްތެރިވި އަލްޣާޒީ ޙަސަން ތާޖުއްދީންގެ ދެ ދަރިކަލުން ކަމުގައިވާ އޭރުގެ ފަނޑިޔާރުކަލޭގެފާނު މުޙައްމަދު ޝަމްސުއްދީނާއި އޭނާގެ އެއްބަނޑު އެއްބަފާ ޚަތީބު އަޙްމަދު މުޙިއްޔުއްދީން، ކަންނަންނޫރުގެ އަލީ ރާޖާއަށް ސިޓީއެއް ފޮނުއްވައި، ދިވެހިރާއްޖޭގެ ވެރިކަން ހޯދައިދެއްވުމަށް އެދިވަޑައިގަތުމުގެ ސަބަބުން ނެވެ.
މި ހާދިސާއާ ގުޅިގެން ދިވެހިން މަލާބާރީންގެ އަޅުވެތިކަމުގެ ދަށަށް ވެއްޓުނެވެ. ނަމަވެސް، މި އަޅުވެތިކަމުން ރާއްޖެ މިނިވަންކުރެއްވީ ދޮންބަނޑާރައިންނެވެ. ހިޖުރީ ސަނަތުން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރު މަހުގެ 3 ވަނަ ދުވަހު (މީލާދީ ގޮތުން 1753 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު) ވީ އާދީއްތަ ދުވަހުގެ ވިލޭރޭ މެންދަމު، ހަސަން މަނިކުފާނު އެކަލޭގެފާނުގެ އެކުވެރިންނާއެކު މަލާބާރީންގެ ވެރިކަމުގެ މަރުކަޒު ކަމުގައިވާ ވެޔޮދޮށުގަނޑުވަރަށް ވަދެވަޑައިގެން، މަލާބާރީންނާ ހަނގުރާމަކުރައްވައި، އެމީހުން ބަލިކުރެއްވި އެވެ. އަދި ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި އެވެ. ދިވެހި ތާރީޚުން އެނގޭ ގޮތުގައި، ދޮންބަނޑާރައިން ވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖެ އަޅުވެތިކުރުމަށް އައި މަލާބާރީންނާ ހަނގުރާމަކުރައްވައި، ދުޝްމިނުން ބަލިކުރައްވާފަ އެވެ.
ހިޖުރީ ސަނަތުން 1166 އާއި 1174 އާ ދެމެދު، ކަންނަންނޫރުގެ އަލީ ރާޖާ ފޮނުއްވައިގެން ރާއްޖެއާ ދެކޮޅަށް އައި މަލާބާރީންގެ ގުރާބުތަކާ މާލޭގެ ބަނދަރުން ފެށިގެން ތިލަދުންމަތީ ދޮނަކުޅިއާ ދެމެދު ހިނގި ކޮންމެ ހަނގުރާމައެއްގައިވެސް ދޮންބަނޑާރައިން ވަނީ ކާމިޔާބު ހޯއްދަވާފަ އެވެ.
އަލްޣާޒީ ކަމުގެ ލަޤަބާއި ރަންނަބަނޑޭރިކަން ދޮންބަނޑާރައިންނަށް ލިބިވަޑައިގަތީ ހިޖުރީ ސަނަތުން 1167 ވަނަ އަހަރު ހޮޅީންނާ ކުރެއްވި ހަނގުރާމައިގެ ވެރިއެއްގެ ގޮތުން ވަޑައިގެންނެވުމުންނެވެ. ދޮންބަނޑާރައިން ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތީ ހިޖުރީ ސަނަތުން 1170 ވަނަ އަހަރުގެ ޝައްވާލު މަހުގައި، އައްސުލްތާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން މަލިކުގައި އަވަހާރަވުމަށްފަހުގަ އެވެ.
ދޮންބަނޑާރައިން އަވަހާރަވެފައިވަނީ ހިޖުރީ ސަނަތުން 1180 ވަނަ އަހަރު (މީލާދީ ގޮތުން 1767 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު) އެވެ. އެކަލޭގެފާނުގެ ފަސްދާނުލެވިފައިވަނީ މާލޭ ހުކުރު މިސްކިތު ގަބުރުސްތާނުގައިވާ އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގަ އެވެ.
————
އެޑިޓަރުގެ ނޯޓް:
ދިވެހި ތާރީހުގެ ތެރެއިން ހުރަވީ ދުވަސް، މި ބައިގައި ހިމެނިފައިވާ މައުލޫމާތު ނެގިފައިވަނީ ދިވެހި ތާރީހީ ލިޔުންތަކުންނެވެ.