ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން އެ ކުންފުންޏަށް ލިބެންޖެހޭ 1.4 ބިލިއަން ރުފިޔާގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާތަނަށް ހޯދާފައިވާ ކަމަށް އެޗްޑީސީ އިން މިއަދު ހާމަކޮށްފި އެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، ކުންފުންޏާ ހަވާލުވިއިރު ދޫކޮށްފައިވާ ބިންތަކަށް އެކި ވިޔަފާރިތަކުން ނުދައްކާ 1.4 ބިލިއަން ރުފިޔާ އޮތް ކަމަށެވެ. އަދި މި މައްސަލަ ޙައްލުކުރުމަށްޓަކައި ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށާއި، އެ ކޮމިޓީގެ މަސައްކަތުން މިހާތަނަށް 226 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޒުލް އިތުރަށް ވިދާޅުވީ، އެޗްޑީސީއަށް ފައިސާ ނުދައްކާ ހުރި ކުންފުނިތަކަށް ސިޓީ ފޮނުވައިގެން ފައިސާ ދެއްކުމަށް އަންގަމުންދާ ކަމަށާއި، ފައިސާ ނުދައްކައިފިނަމަ ކޯޓަށް ގޮސްގެން ނަމަވެސް އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް، ފައިސާ ދެއްކުމަށް އުނދަގޫތަކެއް ހުރި ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ތައްޔާރަށް ތިބި ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެނަށް ވެސް އެއްބަސްވެވޭ މުއްދަތެއްގަ އަދި އެ ފަރާތަކަށް ވެސް އުނދަގޫނުވާނެހެން ފަސޭހެވާނެ ގޮތަަކަށް އެކި މަރުހަލާއަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އެބައޮތް. މި ފުރުސަތު އަޅުގަނޑުމެން މިދެނީ ކޯޓު މަރުހަލާ އެއްކައިރި ކުރުމަށްޓަކާ.
އެޗްޑީސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ އަދަދު ބޮޑުކަމުން މާލިއްޔަތު ކޮމިޓީގެ މެންބަރުން ވަނީ މިއަދުވެސް އަދި މިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައިވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ފައިސާ ހޯދުމަށް އެޗްޑީސީން އެދެވޭ މަސައްކަތެއް ނުކުރާކަން ދޭހަވާ އިބާރާތްތަކުން ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވެ އެވެ. ނަމަވެސް އެޗްޑީސީން ވަނީ އެ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މެންބަރުންނަށް ޔަގީންކޮށްދެއްވާފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ހުޅުމާލެ ރައްޔިތުންގެ މަޖިލިސް މާލިއްޔަތު ކޮމެޓީ