ޒަކިއްޔާ ގައިގަ އެއްވެސް އަނިޔާގެ ނިޝާނެއް ނެތް، ކައިރީގަ އޮތް ވަޅީގަ ލޭ ހުރި: ފުލުހުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާގެ މަރާ ގުޅޭ އިތުރު ތަފްސީލު ފުލުހުން މިއަދު ހާމަކޮށްފި އެވެ.

ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ބޮޑެތި ޒަހަމްތަކަކާ އެކު ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ހެނދުނު އެވެ. އެކަމަކު އެ މަރާ ގުޅިގެން މިހާތަނަށް ވަކި އެއްޗެއް ފުލުހުން ހާމަ ނުކުރާއިރު އެ މައްސަލާގައި މިހާތަނަށް މީހަކު ވެސް ހައްޔަރެއް ނުކުރެ އެވެ.

ފުލުހުންގެ މޭޖަރ ކްރައިމްސްގެ ހެޑް މުހައްމަދު ސާމިހް ވިދާޅުވި ގޮތުގައި، ޒަކިއްޔާގެ ހަށިގަނޑު ބެލި ބެލުމުން އޭނާގެ ކަރުގެ ދެފަރާތުގައި ތޫނު އެއްޗަކުން ލިބިފައިވާ ގިނަ ޒަޚަމްތަކެއް ފެންނަން ހުއްޓެވެ. އެގޮތުން ކަރުގެ ވާތްފަޅީގައި ފުން ތިން ޒަޚަމް އަދި ކަނާތްފަރާތުގައި ފުން ދެ ޒަޚަމްގެ އިތުރުން ކަރުގެ މެދާ ހިސާބުގައި ތިލަކޮށް އެއް ޒަޚަމް ހުރިކަން ފާހަގަކުރެވުނެވެ. ނަމަވެސް ހަށިގަނޑުގެ އެހެން އެއްވެސް ތަނަކަށް އެފަދަ އަނިޔާއެއް ލިބިފައި ނުވާކަމަށް ސާމިހް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނެސް ޕެތޮލޮޖިސްޓް ޑޮކްޓަރެއް ލައްވާ ބަލާފައިވާ ކަމަށާއި، އޭގެފަހުން ސެޕްޓެމްބަރު 12 ވަނަ ދުވަހު ހަށިގަނޑު އަނބުރާ ނ. ހޮޅުދޫއަށް ގެންގޮސް އާއިލާއާ ހަވާލުކޮށް ވަޅުލެވިފައިވާކަމަށް ސާމިހް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން އުފެދިފައިވާ ތަފާތު ސުވާލުތަކުގެ ޙަޤީޤަތް ދެނެގަތުމަށް ތަޙުޤީޤު ކުރެވެން ހުރި އެންމެހައި މަސައްކަތެއް ކުރެވިފައިވާކަމަށް ސާމިހް ވިދާޅުވި އެވެ. އެގޮތުން ނޮވެމްބަރު 25 ވަނަ ދުވަހު ތަޙުޤީޤު ޓީމު ދެވަނަ ފަހަރަށް ނ. ހޮޅުދޫއަށް ގޮސް އިތުރު މަސައްކަތްތަކެއް ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ސާމިހް އިތުރަށް ވިދާޅުވި ގޮތުގައި، ސީނުން ފެނުނު ވަޅީގައި ގިނަ އަދަދަކަށް ލޭ ހުރިކަން ފާހަގަކުރެވުނެވެ. އަދި އެ ވަޅިއަކީ ގޭގެ ބަދިގޭގައި ބޭނުންކުރާ ވަޅިއެކެވެ. އަދި ޒަކިއްޔާ ލައިގެން ހުރި ހެދުމުގައި ލޭ ނެތްކަމަށް ބުނާ ވާހަކަތަކަކީ ތެދު ނޫންކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ތަޙްޤީޤުން ހޯދުނު ހޯދުންތަކުން ޒަކިޔާ އަށް ލިބިފައިވާ އަނިޔާގެ ޒަޚަމުތަކަކީ ނުވަތަ ޒަކީޔާ މަރުވެފައި ވަނީ އިތުރު އެއްވެސް ފަރާތެއްގެ ޢަމަލެއްގެ ސަބަބުން ދޭހަކޮށްދޭނެ އެއްވެސް ހެއްކެއް ފެންނަން ނެތުމާ އެކު މި މައްސަލައިގައި އިތުރަށް އިތުރު މީހެއްގެ ބައިވެރިމެއް އޮތް ކަމަށް ތަޙުޤީޤަށް މިހާތަނަށް ފާހަގަކުރެވިފައި ނުވޭ

މި މައްސަލައިގައި އުފެދިފައިވާ އެއްވެސް ތުހުމަތަކާ ގުޅުވައިލެވޭ ހެއްކެއް ނުވަތަ ގަރީނާއެއް މިހާތަނަށް ތަޙުޤީޤަށް ހޯދިފައިނުވާކަމަށާއި، ޒަކިއްޔާގެ މަރުގައި އިތުރު ފަރާތެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ފާހަގަކުރެވިފައިނުވާކަމަށް ސާމިހް ވިދާޅުވި އެވެ. ނަމަވެސް މި މައްސަލައިގެ ތަޙުޤީޤުގެ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާކަމަށާއި، މުޅި މައްސަލަ ފުރިހަމަ ކުރުމަށް އިތުރު ވަގުތު ނަގާނެކަމަށްވެސް ސާމިހް ވިދާޅުވި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ޒަކިއްޔާގެ މަރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ