ތައިލޭންޑްގެ ސަފީރުކަމުގެ މަގާމަށް ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އިން މިއަދު ފާސްކޮށްފި އެެވެ.
ފުވާދު މި މަގާމަށް އައްޔަންކުރެއްވުމަށް ރުހުން ދީފައިވަނީ މިއަދުގެ ކޮމިޓީގައި ބައިވެރިވެވަޑަައިގަތް 10 މެންބަރުންގެ ތެރެއިން 9 މެންބަރުންގެ ވޯޓާއިއެކު އެވެ.
މިއަދު އޮތް ކޮމެޓީގައި ވިލިނގިލި ދާއިރާގެ މެންބަރު އާޒިމް އަބްދުލް އަޒީޒް ވިދާޅުވީ، ރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާން ކުރާ ސަފީރުންގެ ގޮތުގައި އައްޔަން ކުރާ މީހުންގެ ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުއާދުގެ ކިބައިގައި ހަމަވާ ކަމަށެވެ.
އީސީގައި ފުއާދުގެ ދައުރު ހަމަވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އީސީގެ މެންބަރު ކަމަށް ދެވަނަ ދައުރަކަށް ފުއާދު އައްޔަންކޮށްފައިވަނީ 24 ނޮވެމްބަރު 2019 ގަ އެވެ. އަދި އެކޮމިޝަންގެ ރައީސްގެ މަގާމަށް ފުއާދު އައްޔަނު ކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ.
ފުވާދު ވަނީ މީގެ ކުރިންވެސް ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފަ އެވެ. ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައިވެސް ފުވާދު ވަނީ ހާރިޖީ ދާއިރާއަށް ޝައުގުވެރިވާކަން ހާމަކުރައްވާފަ އެވެ.
ހާރިޖީ ގުޅުންތަކުގެ ކޮމިޓީ ރާއްޖެ - ތައިލެންޑް ފުއާދު ތައުފީޤް