ހުޅުމާލެ ފަޅުތެރެއިން އިއްޔެގައި ނިޔާވެފައި އޮއްވާ ފެނުނީ މ. މަޑުއްވަރީ މީހެއް ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ ނިޔާވެފައި އޮއްވާ ފެނުނީ މ. މަޑުއްވަރީ/ ކޮކޮނަޓް ވިލާ، އިބްރާހީމް ޖިނާހު މުހައްމަދު (36އ) ކަމަށެވެ.
ތަހުގީގު ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަަށްފަހު ރޭގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު އާއިލާއާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިއްޔެ ބުނީ ހުޅުމާލެ ފަޔަރ ސްޓޭޝަން ސަރަހައްދު ފަޅުތެރޭން މީހެއްގެ ހަށިގަނޑު ފެނިގެން އެ އިދާރާއަށް ރިޕޯޓް ލިބުނު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދަށްގޮސް، ހަށިގަނޑު ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނި އެވެ.
ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނި ގޮތުގައި އެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ނެވެ.