އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1000 އަށްވުރެ ގިނަ މައްސަލަ ހުށަހަޅައިފި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން އިއްޔެ މިކަން ހާމަކުރީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
އިމިގްރޭޝަނުން ބުނީ މިއަހަރުގެ 17 ޖުލައި އާއި 30 ނޮވެމްބަރާއި ދޭތެރޭގައި އިމިގްރޭޝަން ވޮޗްއަށް 1017 ރިޕޯޓް ލިބިފައިވާ ކަަމަށެވެ.
ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރިޕޯޓް ކުރުމަށް ”އިމިގްރޭޝަން ވޮޗް“ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއް މޯލްޑިވްސް އިމިގްރޭޝަނުން ތަޢާރަފުކުރީ މިއަހަރުގެ ޖުލައި މަހުގެ 17ވަނަ ދުވަހުގަ އެވެ.
ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ބޮޑު ހައްލެއް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ހޯދާފަވާއިރު ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން ގިނަ އޮޕަރޭޝަންތަކެއް ހުއްޓުމެއްނެތި އަންނަނީ ހިންގަމުންނެވެ.
މި އޮޕަރޭޝަންތަކުގައި 5012 ބިދޭސީން ރާއްޖެއިން ފުރުވާލާފަވާއިރު 1300އަށް ވުރެ ގިނަ ތަންތަން ބަލައިފާސްކޮށްފައި ވެއެވެ.
ޤަވާއިދާ ޚިލާފަށް ރާޢްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނައިރު ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާއެއްނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަން، އަތޮޅުތަކަށް ފުޅާކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަ މަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ޝަމްޢާން ވިދާޅުވެފައިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. މިގޮތުން ފެއްޓެވި ޚާއްޞަ އޮޕަރޭޝަނަކީ މި މައްސަލަ ޙައްލުކުރުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅު ކަމުގައި ޝަމްޢާން ފާހަގަކުރެއްވިއެވެ.
އިމިގްރޭޝަން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު