ފާޑުކިޔުން އަމާޒުވި އާބަން ޑިވެލޮޕްމެންޓްގެ ބިލް ރައީސް ތަސްދީޤް ކުރައްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އަރބަން ޑިވެލޮޕްމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ތަޞްދީޤު ކުރައްވައިފި އެވެ.

މި ބިލަކީ 2024 ނޮވެންބަރު މަހުގެ 27 ވީ ބުދަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 55 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި އާބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަޙައްދުތައް ތަރައްގީކުރުމާގުޅޭ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމަށްޓަކައި، އަރބަން ސަރަޙައްދުތަކާއި އެފަދަ ސަރަޙައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތަކާއި، އަރބަން ސަރަޙައްދުތަކުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް މޮނިޓަރކޮށް ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާން ކުރުމެވެ.

އަރބަން ޑިވެލޮޕްމަންޓްގެ ގާނޫނުގެ ދަށުން ރާއްޖޭގައި އަރބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އަރބަން ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމާގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

މި ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ޢުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ. އެއީ، މިހާރުގެ ގޮތުންނަމަ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި ގާނޫނުގެ ދަށުން ކަނޑައަޅާ އަރބަން ސަރަޙައްދުތަކުގެ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ތައްޔާރުކޮށް، އެފަދަ ސަރަޙައްދުތައް ތަރައްޤީކުރާ ފަރާތްތަކަށް ތަރައްޤީކުރުމުގެ ހުއްދަތައް ދިނުމާއި، އެފަރާތްތަކުން އެ ސަރަޙައްދުތަކުގައި ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި، ”އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ“ ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެކަމުގައި ގާނޫނުގައި ބަޔާންކޮށްފައި ވެއެވެ. މި އޮތޯރިޓީ ހިނގަމުންދާނީ އުމްރާނީ ތަރައްގީގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ދަށުން ނެވެ.

ރައީސުލްޖުމްހޫރިއްޔާ އަރބަން ޑިވެލޮޕްމަންޓްގެ ބިލު މިއަދު ތަޞްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފަ އެވެ. މި ގާނޫނަށް ޢަމަލުކުރަން ފަށާނީ މި ގާނޫނު ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން ހަ މަސްދުވަސް ފުރިހަމަވާ ތާރީހުން ފެށިގެން ނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ