އެންމެ ބޮޑު މައްސަލައަކީ ރިކަރެންޓް ހަރަދު ބޮޑުވުން، ރިފޯމް އެޖެންޑާއިން ހައްލު ލިބޭނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ ބަޖެޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދައުލަތުގެ ރިކަރެންޓް ހަރަދު ބޮޑުވުން ކަމަށާއި މިހާރު ހުށަހަޅާފައިވާ ރިފޯމް އެޖެންޑާގެތެރެއިން އެ މައްސަލައަށް ހައްލެއް ހޯދޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޒަމީރާއި ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ވަނީ، ދައުލަތުގެ ހަރަދުގެ ބޮޑުބައެއް ރިކަރެންޓް ހަރަދަށްދާކަން ފާހަގަކުރައްވާ ރިކަރެންޓް ހަރަދު ކުޑަކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރިކަރެންޓް ހަރަދު ބޮޑުވުމުގެ މައްސަލަކަމާއި ލިބޭ އާމްދަނީއާ ނުބައްލުވަރަށް ހަރަދުތައް ހުރި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މައްސަލައަށް ހައްލެއް ހޯދުމަށް ހަރުދަނާ ވަރަށްގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ޒަމީރު ވިދާޅުވީ މިފަހަރު ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު، ވަޒީރުންގެ މަޖިލީހުގެ ލަފަޔާއި އެއްގޮތަށް ރިފޯމް އެޖެންޑާއެއް ހުށަހަޅާފައިވާނެ ކަމަށެވެ. އެ ރިފޯމް އެޖެންޑާގެ ތެރެއިން ހަރަދު ކުޑަކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި އެގޮތުން ކުންފުނިތަކުގެ ކަންކަން ހަރުދަނާ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ހަރަދު ކުރުމަށް ވަނީ 49.2 ބިލިއަން ރުފިޔާ ހިމަނާފަ އެވެ.

2025 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާ 49.2 ބިލިއަން ރުފިޔާގެ 73 އިންސައްތަ ހޭދަވާނެ ކަމަށް ލަފާކޮށްފައިވަނީ ރިކަރެންޓް ހަރަދަށެވެ. އެއީ 35.9 ބިލިއަން ރުފިޔާ އެވެ.

ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ރައްޔިތުންގެ މަޖިލިސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ