ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އާއި ގުޅިގެން ސްޕޯޓްސް ސްކޮލަޝިޕްގެ ދެވަނަ ފުރުސަތު ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން މިކަން ހާމަކޮށްފައި ވަނީ، އެ ބޭންކުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ބީއެމްއެލް އިން ބުނީ، މި ސްކޮލާޝިޕް ޕްރޮގްރާމްގެ އަމާޒަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި، ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުން ކަމަށެވެ.
މި ސްކޮލަޝިޕަށް ކުޅުންތެރިން ހޮވުމުގެ ކަންތައް ބަލަހައްޓާނީ އެމްއޯސީއިން ކަމަށާއި، އެމްއޯސީގެ މެމްބަރު އެސޯސިއޭޝަންތަކަށް ނޮމިނޭޝަން ހުޅުވާލާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.
ބީއެމްއެލްއިން ބުނީ، މި ސްކޮލަޝިޕްގެ ދަށުން ހުރިހާ ހަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަފޯމަންސް ޓްރެއިނިން ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުސަތު ހޮވޭ ކުޅުންތެރިންނަށް ލިބޭނެ ކަމަށެވެ.
އެގޮތުން، މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި، ހަތަރު ކުޅިވަރަކުން 7 ކުޅުންތެރިން ވަނީ ތަމްރީނު ފުރިހަމަކޮށްފަ އެވެ.