އަންނަ ޖެނުވަރީ މަހުން ފެށިގެން އަލަށް ރިޓަޔާވާ މީހުންނަށް މަހުން މަހަށް ދޭ ޕެންޝަން ފައިސާ ކަނޑާނުލަން ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުގެ އިގްތިސާދީ ރިފޯމް އެޖެންޑާގެ ދަށުން މި ފިޔަވަޅު އަޅަން ނިންމައި، ފިނޭންސް މިނިސްޓަރު އަދި ޕޭ ކޮމިޝަނުގެ ރައީސް މޫސާ ޒަމީރު ސޮއިކުރައްވައި މިދިޔަ ހަފްތާގައި އިދާރާތަކަށް ސިޓީއެއް ފޮނުއްވާފައިވެ އެވެ. އެ ސިޓީގައި ވަނީ ދައުލަތުގެ ވަޒީފާއިން އަލަށް މުސްކުޅިކުރާ މުވައްޒަފުންނަށް މަހުން މަހަށް ދޭ އިނާޔަތް އަންނަ ޖެނުއަރީން ފެށިގެން ހުއްޓާލަން ނިންމާފައިވާކަން އަންގަވާފަ އެވެ.
ނަމަވެސް ސަރުކާރުގެ އެ ނިންމުން ބަދަލުކޮށް، އަލަށް ރިޓަޔާވާ މީހުންނަށްވެސް މަހުން މަހަށްދޭ ޕެންޝަން ދެމުންގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިހާރު ވަނީ އަންގައިފަ އެވެ
ފިނޭންސް މިނިސްޓްރީން މިދިޔަ ހަފްތާގައި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި، މި ނިންމުމުގެ މަޤްޞަދަކީ ”ޑަބަލް ޕެންޝަން“ ނުދިނުމެވެ. މި އައު ސިޔާސަތުގެ ދަށުން، އަލަށް ރިޓަޔަރ ކުރާ ފަރާތްތަކަށް އެލަވަންސް ނުލިބި، އަސާސީ ރިޓަޔަރމަންޓް ޕެންޝަން އެކަނި ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި ނިންމުން ނިންމާފައިވަނީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުންނެވެ. ޑަބަލް ޕެންޝަން ލިބެނީ ސަރުކާރުގެ ބައެއް އިދާރާތަކުން ފޯރުކޮށްދޭ ރަސްމީ ޕެންޝަން ފައިސާގެ މައްޗަށް ރިޓަޔަރމަންޓް އެލަވަންސް އިތުރުވުމުންނެވެ.
ފިނޭންސް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ބޮޑު ޑަބަލް ޕެންޝަން ދޫކުރަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށެވެ. މި ދެ މުއައްސަސާގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ރިޓަޔަރމަންޓް އުމުރު ސަރުކާރުގެ އެހެން އިދާރާތަކަށްވުރެ ދަށްވުމުގެ ސަބަބުން އެ މުއައްސަސާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް އެމީހުންގެ އެކްސްކްލޫސިވް ރިޓަޔަރމަންޓް ސްކީމްތަކުގެ ތެރެއިން ލިބޭ އެލަވަންސް ބޮޑުވާކަން ފާހަގަކޮށްފައިވެ އެވެ.
ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން، ޚާއްޞަކޮށް ވޯލްޑް ބޭންކުން، ވަނީ ރާއްޖޭގައި ޕެންޝަން ނިޒާމަކީ ދެމެހެއްޓެނިވި ނިޒާމެއް ނޫން ކަމަށް ބުނެ، ޑަބަލް ޕެންޝަން ހުއްޓާލުމަށް އިލްތިމާސްކޮށްފަ އެވެ.
މީގެ ކުރިން، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު ދައުލަތުން ދޭ 5،000 ރުފިޔާގެ އަސާސީ ޕެންޝަން ތަނަވަސް މީހުންނަށް ނުލިބޭ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.