މިދިޔަ ހަފުތާގައި ރާއްޖެއަށް ބޯކޮށް ވާރޭވެހި 1.1 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އެންޑީއެމްއޭ އިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ނޮވެމްބަރު މަސް ނިމުނުއިރު 10 ރަށަކުން ވިއްސާރައިގެ ސަބަބުން ގޭތެރެެއަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ. މި 10 ރަށްރަށުގެ 110 ގެއެއްގައި ތަފާތު މިންވަރަކަށް ގެއްލުން ލިބުމުން އެންޑީއެމްއޭގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.
އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މިދިޔަ ހަފްތާގައި ބޯކޮށް ވާރޭވެހި އެންމެ ބޮޑަށް އަސަރުކޮށްފައިވާ ޅ. ކުރެންދޫއަށެވެ. އެރަށުގެ 97 ގެއަކަށް ގެއްލުން ލިބިފައިވެ އެވެ.
ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ އެހެން ރަށްރަށަކީ ހދ. ނެއްލައިދޫ، ނ. މާފަރު، ރ. ރަސްމާދޫ، ދ. ބަނޑިދޫ، ދ. ހުޅުދޫ، ގދ. މަޑަވެލި، ސ. ފޭދު، ސ. ހުޅުދޫ އަދި ސ. މަރަދޫފޭދޫ އެވެ.
އެންޑީއެމްއޭ އިން މިހާރު ދަނީ ލިބުނު ގެއްލުންތައް ބަލާ، އެހީވެވޭނެ ގޮތްތައް ހޯދަމުން ނެވެ.
މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)