ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު، ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސްގެ މަގާމުތަކަށް އަލުން އައްޔަންކުރެވުނު ބޭފުޅުން މިއަދު އަހުދުގެ ލިޔުމުގައި ސޮއިކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަގާމަށް އަލުން އައްޔަންކުރެވުނީ ފާތިމަތު ނިޔުޝާ އެވެ. ކައުންސެލް ޖެނެރަލްގެ މަގާމަށް އަލުން އައްޔަންކުރެވުނީ ފާތިމަތު ފިލްޒާ އެވެ. އަދި ސާޖެންޓް އެޓް އާމްސްގެ މަގާމަށް އަލުން އައްޔަންކުރެވުނީ މޭޖަ (ރޓޑ) ތަލްހަތު ހަސަން އެވެ.
މި ތިން ބޭފުޅުން މަގާމުތަކަށް އަލުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެ ޖަލްސާގައި ނެގުނު ވޯޓުގައި ނިޔުޝާ މަގާމުގައި ބެހެއްޓުމަށް 79 މެންބަރުން ވޯޓު ދެއްވިއެވެ. ފިލްޒާ އާއި ތަލްހަތު މަގާމުގައި ބެހެއްޓުމަށް 80 މެންބަރުން ވޯޓު ދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އެ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ ދައުރު ހަމަވުމުގެ ކުރިން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ހިނގަމުންދާ މަޖިލީހުގެ އަމީންއާންމާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހުން އައްޔަންކުރަންވާނެ އެވެ. މިގޮތުން، މި ތިން މަގާމަށް އަލުން އައްޔަންކުރެވުނު ބޭފުޅުން މިއަދު އަހުދުގެ ލިޔުމުގައި ސޮއިކުރެއްވުމާއެކު، އެ ބޭފުޅުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ފަށައިފި އެވެ.