ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބިލުގެ މަސައްކަތް ފަށައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުންވަނީ އިއްވާފަ އެވެ.
މި ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުން ބުނެފައިވަނީ، ބަންޑާރަނައިބުގެ މަގާމަށް އައްޔަނުކުރެވޭ ފަރާތެއްގައި ހުންނަންޖެހޭ ޝަރުތުތަކާއި، ޒިންމާތަކާއި މަސްއޫލިޔަތުތަކާއި، އެ ޒިންމާތަކާއި މަސްއޫލިޔަތުތައް އަދާކުރުމުގައި ބަންޑާރަނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުމެވެ. އަދި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ޤާއިމުކުރުމާއި އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންނާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މި ބިލުގައި ބަންޑާރަނައިބަކަށް އައްޔަނުކުރާ މީހެއްގެ ހުންނަންވާނެ ޝަރުތު ބަޔާންކޮށްފައިވާއިރު އެ ޝަރުތުގެ ގޮތުގައި ބުނެފައިވަނީ، އެ މީހަކީ ޤާނޫނުގެ ދާއިރިން ފާހަގަކޮށްލެވޭފަދަ ތައުލީމާއި ތަޖުރިބާހުރި ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރުމުގެ ޝަރުތުހަމަވާ މީހަކު ކަމުގައި ވާންވާނެ ކަމަށެވެ.
މި ޤާނޫނަށް އަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަސްދަގުކުރާ ތާރީހުން ފެށިގެން 30 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.