އީފާސް ނިޒާމުގައި ބޭނުންކުރަމުންދިޔަ އޮންލައިން ފޭސް ވެރިފިކޭޝަން ޚިދުމަތް އަލުން ފަށައިފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މި ޚިދުމަތް ފަށާފައިވަނީ މި ހިދުމަތް ދިނުމަށް ކުރިން ހަވާލުކޮށްފައިވާ ”ސަމް އެންޑް ސަބްސްޓެންސް ޕްރައިވެޓް ލިމިޓެޑް“ (ސަމްސަބް) ކުންފުނިން އެ މަސައްކަތް ވަކިކޮށް، އައު ވެންޑަރަކާ މަސައްކަތް ހަވާލުކުރުމަށްފަހު އެވެ.
އީފާސްއަކީ ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އިން ތަރައްޤީކޮށް ބަލަހައްޓަމުންދާ ނިޒާމެކެވެ. މިވަގުތު މި ޚިދުމަތް ލިބެން ހުންނާނީ އީފާސް ވެބްސައިޓް މެދުވެރިކޮށެވެ. އަދި އާންމުކޮށް ބޭނުންކުރާ ހުރިހާ ބްރައުޒަރތަކުން އީފާހަށް ލޮގިންކޮށް މި ޚިދުމަތް ލިބޭނެ ކަމަށް އެން.ސީ.އައި.ޓީ އިން ހާމަކޮށްފައިވެ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ފޭސް ވެރިފިކޭޝަން ހެދުމަށް މިހާރު ބޭނުންކުރަމުން ދަނީ ލެޓްވިއާގައި ރަޖިސްޓަރީ ކޮށްފައިވާ ރެގިއުލާ ފޮރެންސިކްސް ކުންފުނީގެ އެޕްލިކޭޝަނެއް ކަމަށެވެ. މި ޕްރޮސެސް ހިނގާނީ ބޭރުގެ އެއްވެސް ފަރާތަކަށް އެއްވެސް ރައްޔިތެއްގެ ފޮޓޯއެއް ނުވަތަ އެނޫންވެސް އެހެން ޒާތީ މަޢުލޫމާތެއް ހިއްސާކުރުމަކާ ނުލައި އެން.ސީ.އައި.ޓީގެ އެތެރޭގައި ކަމަށް މިނިސްޓްރީން ކަށަވަރުކޮށްދީފައިވެ އެވެ.
ރެގިއުލާ ފޮރެންސިކްސްއަކީ 30 އަހަރުގެ ތަޖުރިބާއާއެކު ސެކިއުރިޓީގެ ދާއިރާއިން ގިނަ ޑިޖިޓަލް ޚިދުމަތްތަކެއް ފޯރުކޮށްދޭ ޤާބިލު އަދި ބައިނަލްއަޤްވާމީލްއަޤްވާމީ ބޮޑެތި ކުންފުނިތަކާއި ތަފާތު އެކި ޤައުމުތަކަށްވެސް ޚިދުމަތް ދެމުންދާ އިތުބާރު ހުރި ކުންފުންޏެއް ކަމަށް ހޯމް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.