ކްރިމިނަލް ކޯޓުން ޑިސެމްބަރު މަހުގެ 15 ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ރިސެސްއަށް ދިއުމަށް ކޯޓުގެ ގަޟިއްޔާއިން ނިންމައިފި އެވެ.
ކޯޓުން ކުރި އިއުލާނުގައި ވަނީ އެ ކޯޓުގެ އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަަދިވެސް ހައްލުވެފައިނުވާތީ، މިވަގުތުވެސް ކޯޓުން މަސައްކަތް ކުރަމުން ދަނީ ޝަރީއަތް ކުރާ މާލަންތައް އެކި ގާޒީންނަށް އެކި ދުވަސްތަކަށް ބަހާލައިގެން ކަމަަށެވެ.
އެހެންވެ ޑިސެމްބަރު މަސް އެއްކޮށް ރިސެސްއަށް ނުދިއުމަށް ނިންމާފައިވާ ކަމަށްވެސް ބުންޏެވެ. ކޯޓުން އެންމެ ބޭނުންވާ މިންވަރަށް އަޑުއެހުންތައް ތާވަލު ކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ހުޅުމާލޭގައި ހުންނަ ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަމުންދިޔަ އިމާރާތް ކޯޓުގެ މަސައްކަތްތައް ބަދަލުކުރެވިއްޖެނަމަ ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލުލިބި، މައްސަލަތައް އަވަސްވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓެކޭ އެއްގޮތަށް ސުޕްރީމް އަދި ހައި ކޯޓުން ވެސް ވަނީ ޑިސެމްބަރު މަހު ރިސެސްއަށް ގޮސްފަ އެވެ. ނަމަވެސް މި ތިން ކޯޓުންވެސް މި މުއްދަތަުގެ ތެެރޭގައި އިދާރީ މަސައްކަތްތައް ކުރެ އެވެ.