ރާއްޖޭގައި ކޮންމެ 5 އަންހެނުންގެ ތެރެއިން 1 އަށް އަނިޔާ ލިބޭ ކަމަށް ސޯޝަލް މިނިސްޓްރީ އިން ބުނެފި އެވެ.
ސޯޝަލް މިނިސްޓްރީ އިން މިގޮތަށް ބުނީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
މި ޕޯސްޓުގައި އެ މިނިސްޓްރީ އިން ބުނީ ޖިންސީ އަނިޔާގެ %80 އަށް ވުރެ ގިނަ މައްސަލަތަކުގައި އަނިޔާ ކުރާ ފަރާތަކީ ބައިވެރިއެއް، އާއިލާ މީހެއް، ރައްޓެއްސެއް ނުވަތަ އަވައްޓެރިއެއް ކަމަށެވެ.
އެ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި، ޒާތީ ގުޅުމެއްގައި އުޅޭ ނުވަތަ އުޅެފައިވާ އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ ފަސް އަންހެނަކުން އެއް އަންހެނަކަށް، ބައިވެރިޔާގެ ފަރާތުން ޖިސްމާނީ އަދި ނުވަތަ ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މުޅި ދުނިޔެއަށް ބަލާލާއިރު، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި އަނިޔާ ކުރާ ފަރާތަކީ ގިނަފަހަރު އަނިޔާ ލިބޭ ފަރާތް ދަންނަ ނުވަތަ ގެވެށި ގުޅުމަކުން ގުޅިފައިވާ މީހެއް ކަން މިނިސްޓްރީ އިން ފާހަގަކުރި އެވެ. ރާއްޖޭގައިވެސް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކުގައި ގިނައީ މިފަދަ މައްސަލަތަކެއް ކަންވެސް މިނިސްޓްރީ އިން ފާހަގަކުރި އެވެ. އަދި، އަންހެނުންނަށް ކުރާ އަނިޔާގެ ތެރެއިން ޒާތީ ގޮތުން ގުޅިފައިވާ ބައިވެރިއެއްގެ ފަރާތުން އަނިޔާ ލިބުމުގެ ހިރާސް ބޮޑު ކަަމަށް ބުންޏެވެ.
“ގެވެށި ގުޅުންތައް ހަރުދަނާކޮށް، އަނިޔާއިން ސަލާމަތްވެފައިވާ ދުޅަހެޔޮ މުޖުތަމައުއެއް ގާއިމުކުރުމުގައި އަޅުގަނޑުމެން އެންމެންގެވެސް ދައުރެއްވޭ، ގޭތެރެއާއި އެނޫންވެސް އެންމެހާ ތަންތަނަކީ ރައްކާތެރި ތަންތަނަށް ހަދަމާ،“. އެ ވުޒާރާއިން ކުރި ޕޯސްޓްގައި ވެއެވެ.