ތިމާވެށްޓަށް ލިބޭ ގެއްލުންތަކުގެ މައްސަލަތަކުގައި ޖޫރިމަނާގެ ގޮތުގައި 825 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހާމަކޮށްފި އެވެ.
”މިހާރު“ އިން ހުށަހެޅި އާރްޓީއައިގެ އެދުމަށް ޖަވާބު ދެމުން އީޕީއޭ އިން ހާމަކުރި ގޮތުގައި ނޮވެމްބަރު 14 ގެ ނިޔަލަށް ދައުލަތަށް ލިބިފައިވަނީ 24 މައްސަލައަކާއި ގުޅުންހުރި ޖޫރިމަނާގެ ފައިސާ އެވެ. އެއީ އެންމެ 50،000 ރުފިޔާ އެވެ. ނުދައްކާ ޖޫރިމަނާގެ ޖުމްލަ އަގަކީ 825،978،942.81 ރުފިޔާ ކަމަށާއި ގިނަ ޖޫރިމަނާތަކުގެ ތެރޭގައި ބޭރުގެ އުޅަނދުތަކުން ރާއްޖޭގެ ތިމާވެށްޓަށް ދިން ގެއްލުމުގެ ޖޫރިމަނާ ހިމެނޭ ކަމަށް އީޕީއޭ އިން ހާމަކުރި އެވެ.
ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ގިނަވެގެން 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައި ވަނީ ހަ މައްސަލައެއްގައި ކަމަށް އީޕީއޭ އިން ބުންޏެވެ. އެ ހުރިހާ މައްސަލައެއްގައި ވެސް މުރަކަތަކަށް ބޮޑެތި ގެއްލުންތަކެއް ދިން ބޭރުގެ އުޅަނދުތަކެއް ހިމެނޭ ކަމަށް ވެއެވެ.
އޭގެ ތެރޭގައި ތިރީގައިވާ ސަރަހައްދުތަކަށް ލިބުނު ގެއްލުމަށް ކުރި ޖޫރިމަނާގެ މައްސަލަތައް ހިމެނެ އެވެ.
- ފުވައްމުލައް ފަރުބަދަމަތީގައި ބިންމައްޗަށް ވެއްޓުނު ބާޖް ”އޮލިމްޕިކް ކަންޑިލޯ“
- ހއ. ދިއްދޫ ފަރުމައްޗަށް އެރި ޓަގްބޯޓް ”ޓީބީ މުތާ“ އާއި ބާޖް ”މުތާ ޕްރައިޑް“
- ކ. ވާވެއްދި ފަރަށް ގެއްލުން ދިން ބާޖް ”އޭއެމް އާގަމް“ އާއި ޓަގްބޯޓް ”އަލްޕިޓް“
- ވ. މާގުޅި ފަރުމައްޗަށް ގެއްލުން ދިން ”އޭއެމް އާގަމް“
- ކ. ހިންމަފުށި ފަރަށް އެރި ބާޖް ”ބީޖީ ސީޕަރާ 3“
- ކ. ފުށިދިއްގަރަށް ގެއްލުން ދިން ޓަގްބޯޓް ”މުތާ ރޯޔަލް“ އާއި ބާޖް ”މުތާ ގްރޭސް“
އިންޑިއާގެ އެފްކޮންސް ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ. އެއީ ތިލަމާލެ ބްރިޖް ހެދުމުގެ ތެރޭގައި ވިލިމާލޭގެ ފަރުމަތީގައި ބިންމައްޗަށް ވެއްޓުނު ބާޖުގެ ސަބަބުން ފަރުތަކަށް ލިބުނު ގެއްލުމަކާ ގުޅިގެން ނެވެ. އެފްކޮންސް އިން ވަނީ ޖޫރިމަނާ މާ ބޮޑު ކަމަށް ބުނެ ފައިސާ ދެއްކުމަށް ދެކޮޅު ހަދައި، ދައުލަތާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލަ ވަނީ އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.
އީޕީއޭ އާއި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ޖޫރިމަނާ ހޯދުމުގައި ހުރި ބައެއް ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާފަ އެވެ.
އެ މައްސަލައަށް ހައްލެއް ހޯދުމަށް އީޕީއޭ އާއި އޭޖީ އޮފީސް ވަނީ އޮކްޓޯބަރު މަހު ރައްޔިތުންގެ މަޖިލީހުގެ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. ތިމާވެށީގެ އަދަބުތައް ތަންފީޒު ކުރުމަށްޓަކައި ގާނޫނީ ގޮތުން ހަރުދަނާ އުސޫލުތަކެއް ގާއިމް ކުރަން ޖެހޭ ކަމަށް އޮފިޝަލުން ފާހަގަކުރެއްވި އެވެ.
އީޕީއޭއިން ލަފާކުރާ ގޮތުގައި ފާއިތުވި ތިން އަހަރު ތެރޭގައި ޖޫރިމަނާގެ ފައިސާ ނުދައްކާ ބޭރުގެ ކުންފުނިތަކުން ގަވާއިދާ ހިލާފުވުން ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.