ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ހައި ސީޒަނާ ދިމާކޮށް، ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ޗައިނާގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ހަރަކާތެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ފެށި މި ހަރަކާތަކީ ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓުއަރިސްޓް ޕޮލިހުން އިސްނަގައިގެން ފަތުރުވެރިކަމާބެހޭ ވުޒާރާ އަދި ޗައިނާ އެމްބަސީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ހަރަކާތުގެ ދަށުން، ޗައިނާގެ ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އައުމާއެކު އެ ފަތުރުވެރިންނާ ބައްދަލުކޮށް، މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގައާއި ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން މި ހަރަކާތުގެ ތެރެއިން ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ލީފްލެޓެއް ފަތުރުވެރިންނަށް ދިނުމަށް ހަމަޖެހިފައިވެއެވެ. މި ލީފްލެޓްގައި މޫދުގެ އެކި ހަރަކާތްތަކުގައި ބައިވެރިވާއިރު ފަތުރުވެރިން ސަމާލުކަންދޭންވީ ކަންކަމާއި ފަތުރުވެރިން ރާއްޖޭގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމުގެ އިތުރުން ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި އެމަރޖެންސީ ހާލަތްތަކުގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ހިމެނެ އެވެ.
މި ހަރަކާތަކީ ޗައިނާގެ ފަތުރުވެރިންގެ ރައްކާތެރިކަން އިތުރުކޮށް، އެ ފަރާތްތަކަށް ދިމާވާ ނޭދެވޭ ހާދިސާތައް މަދުކުރުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ. އަދި މި ހަރަކާތުގެ ސަބަބުން ޗައިނާގެ ފަތުރުވެރިންނަށް ރާއްޖޭގައި އުފާވެރި އަދި ރައްކާތެރި ޗުއްޓީއެއް ހޭދަކުރުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ރާއްޖެ - ޗައިނާ މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން ދިވެހި ފުލުހުންގެ ޚިދުމަތް