ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީން އިންތިޒާމުކޮށްގެން ހިންގާ ”ސެމިނަރ ފޯރ އިންޓަރމީޑިއެޓް އެންޑް ސީނިއަރ ޕޮލިސް އޮފިސަރސް“ ގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ 15 އޮފިސަރުން އިއްޔެ ޗައިނާއަށް ފުރައިފި އެވެ.
ފުލުހުންގެ ހިދުމަތުން މިކަން ހާމަކޮށްފައި ވަނީ، އެ އިދާރާގެ ވެބްސައިޓުގައި ޝާއިރުކުރި ހަބަރެއްގަ އެވެ.
މި ސެމިނާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ހައިނަން ޕްރޮވިންސްގެ ހައިކޫގަ އެވެ. މި ސެމިނާ ކުރިއަށްދާނީ 1 ޑިސެމްބަރ 2024 އިން 14 ޑިސެމްބަރ 2024 އަށް، ޖުމްލަ 14 ދުވަހުގެ މުއްދަތަކަށެވެ.
މި ސެމިނާރގައި ބައިވެރިވާ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޙްމާ ސަޢީދު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދިމްހާމް އާއި ނަސްރުﷲ ޖަލީލުގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުގެ 12 ފުލުހުންނެވެ.
މި ސެމިނަރގައި ބައިވެރިވާ އޮފިސަރުންނަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ގާނޫނީ ވިސްނުންފުޅުތަކާއި، ޗައިނާގެ ފުލުހުންގެ ސްޓްރެޓެޖީ، ފުލުހުންގެ ލީޑަރޝިޕް، ފްރޯޑް ހުއްޓުވުން، ކޮމިއުނިޓީ ޕޮލިސިންގ ނިޒާމު އަދި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ދާއިރާތަކުން މައުލޫމާތާއި ތަޖުރިބާ ހިއްސާކުރާނެ އެވެ. މީގެ އިތުރުން، މައްސަލަތައް ތަހުގީގު ކުރުމާއި، ކެލިގްރަފީ އަދި ސްވޮޓް ޓެކްޓިކްސްއާއި ތާއި ޖީ (ސެލްފް ޑިފެންސް) އާ ގުޅޭ އަމަލީތަމްރީނުތައްވެސް ހިމެނޭ ކަަމަށް އެ އިދާރާއިންބުނެ އެވެ.
އެ އިދާރާއިން ބުނީ، މި ސެމިނަރގައި ބައިވެރިވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނަށް ޗައިނާގެ ފުލުހުންގެ ތަޖުރިބާއިން އުނގެނި، އަދި ދެ ޤައުމުގެ ފުލުހުންނާ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާ މުހިއްމު ފުރުސަތެއް ކަަމަށެެވެ.