ސުލޫކީ މައްސަލައެއްގައި މިއަހަރު ތެރޭ 20 ފުލުހުން ވަޒީފާއިން ވަކިކޮށްފި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސީޕީ މިގޮތަށް ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުން ފުލުހުންގެ ހިދުމަތަކީ އެއްވެސް އަދި ހުރިހާ ނުފޫޒަކުން އެއްކިބާވެފައިވާ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިންގުމަށް ފަރުމާކޮށްފައިވާ ހިދުމަތެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ އެހެންކަމުން ފުލުހުންގެ ހިދުމަތާ ގުޅޭ ހުރިހާ އޮފިސަރުން ވެސް މަސައްކަތް ކުރަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ފުލުހުންގެ މަސައްކަަތަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް އައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ އެފަދަ ތުހުމަތުތައް ތަހުގީގުކޮށް، އެކަން ކުރި ފަރާތްތަކާ މެދު ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅަމުންދާ ކަމަށެވެ.
“މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މުޖުތަމައުގެ ތެރެއިންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ފާހަގަކުރެވުނު މައްސަލަތައް ހިމެނޭ ގޮތަށް ސުލޫކީ މައްސަލަތަކުގެ ތުހުމަތުތަކުގެ ތަހުގީގުތަކަށް ފަހު 50 އަށް ވުރެ ގިނަ ފުލުހުންނާ މެދު ފިޔަވަޅު އަޅާފައިވޭ. މީގެތެރެއިން 20 ފުލުހަކު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަކިކުރީ،” އޭނާ ވިދާޅުވި އެވެ.
ޝުޖާއު އެއްވެސް ތަފްސީލެއް ނުދެއްވި ނަމަވެސް ފުލުހުންގެ ވޮޗްޑޯގްތަކުން ހިންގާ ތަހުގީގުތަކަށް ފުލުހުން ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.