މިނިސްޓަރުކަމާ ހަވާލުވުމަށް ފަހު ކުރެވުނު އެންމެ ހިތްހަމަ ޖެހޭ އެއް މަސައްކަތަކީ ފަސްތަރީގެ ޓްރެއިނިން ރިސޯޓެއް އެޅުމުގެ އެމްއޯޔޫގައި ސޮއި ކުރުންކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ ޖަވިޔަނި ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވުމަށް ފަހު ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު އެންމެ ހިތްހަމަ ޖެހޭ މަސައްކަތަކީ ކޮބާތޯ ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ އުފާވަނީ ހޮޓެލް ސްކޫލާއި ފަސްތަރީގެ ޓްރެއިނިން ރިސޯޓެއް އެޅުމުގެ އެމްއޯޔޫގައި ސޮއި ކުރެވުން ކަމަށެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމަށް 53 އަހަރަށް ވުރެ ގިނަ ދުވަސްވެގެން މިދަނީ. ދާއިރު ދިވެހިރާއްޖޭގަ ނެތް ފަތުރުވެރިކަމުގެ ދާއިރާއިން މިގޮތަށް ޓްރެއިނިން ދެވޭނެ ގޮތެއް.
ދުނިޔޭގެ ފެންވަރުގައި ބެލިކަމިގައިވިޔަސް އެންމެ ރަނގަޅު އެއް ހޮސްޕިޓާލިޓީ ފޯރުކޮށްދޭ އެއް ބަޔަކީ ދިވެހިން ކަމަށްވެފައި ރާއްޖޭގައި ހޮޓެލް ސްކޫލެއް ނެތުމަކީ ހިތާމަ ކުރައްވާކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ. ނަމަވެސް މިހާރު އެ އެމްއޯޔޫގައި ސޮއި ކުރެވުމުން ހިތްހަމަ ޖެހުމެއް ލިބިވަޑައިގެންފިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގައި ރިސޯޓު ހެދުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ގިނަ ދުވަސް ވަންދެން ނުހެދި ހުރި ރިސޯޓުތަކަށް ގޮތެއް ހޯދުމަށް ކުރެވުނު މަސައްކަތަކީވެސް ވަރަށް ހިތްހަމަ ޖެހޭ މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގައި ގިނަ ދުވަސްވަންދެން ނެހެދިހުރި 63 ރަށަކަށް ގޮތްތަކެއް ހޯދުމަށް އިކޮނޮމިކް ކައުންސިލަށް ހުށަހަޅާ އޭގައި އަޅުގަނޑުމެންގެ މަސައްކަތް މިހާރު ނިމި އެޓާނީ ޖެނެރަލަށް ފޮނުވިފައި ވަނީ. މަޖިލީހަށް ހުށަހަޅައިގެން އޭގެ ބައެއް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލު ގެނެވި އަޅުގަނޑުމެންނަށް އެ ގަވާއިދުތަކާ އުސޫލުތަކާ ހެދި އެ ފުރުޞަތު އިތުރަށް ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ދެވި، ޓާމިނޭޓު ކުރަންޖެހޭ ފަރާތްތައް ގާނޫނާއި އުސޫލުން ޓާމިނޭޓު ކުރުމުގެ މަސައްކަތް ފެށޭނެ. އެއީވެސް ވަރަށް ކާމިޔާބު މަސައްކަތެއް. ހިތްހަމަޖެހޭ މަސައްކަތެއް.
ދިވެހިރާއްޖޭގައި ޓޫރިޒަމް ނެތް ސަރަހައްދުތަކަށް ޓޫރިޒަމް ގެންދިއުމަށް ސަރުކާރުން މިހާރު ކުރަމުން ގެންދާ މަސައްކަތަކީވެސް ވަރަށް ކުރާ ހިތުން ކުރައްވާ މަސައްކަތެއްކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ކޮންމެ އަތޮޅަކީވެސް ޓޫރިޒަމް ޑިވެލޮޕް ކުރެވޭނެ އަތޮޅެއްކަމަށާއި ކޮންމެ އަތޮޅަކަށްވެސް އެޕްރޯޗް ކުރަންވީ ގޮތް އެނގިވަޑައިގަންނަވާކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް