ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ގްލޯބަލް ސިޓިޒަންޝިޕް އެވޯޑް ލިބިވަޑައިގެންފި އެވެ.
މި އެވޯޑަކީ މޫސުމަށް އަންނަ ބަދަލުތަކާއި މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
ހެންލީ އެންޑް ޕާޓްނާސް އާއި އަންދާން ފައުންޑޭޝަން ގުޅިގެން ދޭ މި އެވޯޑު ރައީސް ނަޝީދަށް ލިބިވަޑައިގަތީ ސިންގަޕޫރުގައި ބޭއްވުނު 18 ވަނަ އަހަރީ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގެ ގާލާ ރިސެޕްޝަނެއްގަ އެވެ.
ރައީސް ނަޝީދަށް މި އެވޯޑު ލިބިވަޑައިގަތީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރެއްވުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޑުއުފުއްލެވުމާއި، ޚާއްޞަކޮށް ނާޒުކު ޤައުމުތަކުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތަކަށެވެ.
މިހާރު ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރައްވާ ރައީސް ނަޝީދު، 70 ޤައުމެއް ތަމްސީލުކުރައްވައި، މި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މައްސަލަތަކަށް ވަކާލާތުކުރެއްވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވައެވެ.
ދަ ޑިމޮކްރެޓްސް ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދަކީ މުޖުތަމަޢުގެ ކުރިއެރުމަށް އާދަޔާ ޚިލާފު މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށެވެ.
”ރައީސް ނަޝީދުގެ ހަޔާތްޕުޅު ފާހަގަކުރެވެނީ އިންސާނީ ހައްގުތަކުގެ ދިފާއު އާއި މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބިވަޑައިގެންނެވި އެވޯޑްތަކާއި އަގުވަޒަންކުރުންތަކުންނެވެ،“
މީގެ ކުރިން ވެސް ރައީސް ނަޝީދަށް ވަނީ ޓައިމް މެގަޒިންގެ ’ހީރޯސް އޮފް ދަ އެންވަޔަރަންމަންޓް‘ އާއި ފޮރިން ޕޮލިސީ މެގަޒިންގެ ޓޮޕް ގްލޯބަލް ތިންކަރސް ފަދަ އެވޯޑުތައް ލިބިވަޑައިގެންފަ އެވެ.