ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ މިއަދު ފަށައިފި އެވެ.
ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބާއްވާ މި މަހާސިންތާ ފެށުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ.
އެގޮތުން، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސައީދު ގާސިމް އެވެ.
މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އަލްއުސްތާދު އިއްޒައްދީން ޢަދްނާން ވާހަކަދައްކަވަމުން ވިދާޅުވީ، މި މަހާސިންތާގެ އަމާޒަކީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ މައިދާނަށް ފެތޭ ގޮތަށް، އަވަސް ގޮތަކަށް ހިދުމަތްދެވޭ ޒަކާތުގެ އޮނިގަނޑެއް ގާއިމްކޮސްދިނުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2024 އަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ގާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މަހާސިންތާއެއް ކަމަށެވެ.
ޒަކާތު ހައުސްއިން ބުނީ، މި މަހާސިންތާގައި ރާއްޖޭގެ އެކި މުއައްސަސާތަކުން އަދި މެލޭޝިޔާގެ ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ޕެނެލިސްޓުންގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންނާއި، އިސްލާމިކް ފައިނޭންސާއި އިގްތިސާދީ ދާއިރާގެ މާހިރުން ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.