ސައުދީ ސަރުކާރުން ރާއްޖޭގެ ކުޅިވަރަށް އިންވެސްޓް ކުރަން އެމްއޯޔޫއެއްގައި ސޮއިކުރި ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ހާމަކުރައްވައިފި އެވެ.
ވަޒީރު މިކަން ހާމަކުރެއްވީ ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރ ވިދާޅުވީ ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންް އެމްއޯޔޫއެއްގައި ސޮއިކުރެއްވި ކަމަށެވެ. ދިވެހިންނަށް ވީޑިއޯ އެނޭލިސިސް ފަދަ ފުރުސަތުތައް ދިނުމަށް މި އެމްއޯޔޫގައި ސައުދީ ސަރުކާރުން އެއްބަސްވެފައި ކަމަށް މިނިސްޓަރ ހާމަކުރެއްވި އެވެ. މި އެމްއޯޔޫގައި ދިވެހި ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ތަފާތު ކަންކަން އެކުލެވިގެންވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
”ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭނެކަމާއި އަދި ކުޅިވަރާއި ގުޅުންހުރި އިންވެސްޓްމެންޓްތައްވެސް މީގައި ހިމެނޭކަން އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑު ވާނީ އެމްއޯޔޫގައި ސޮއިކޮށް، ރާއްޖެ އައުމަށްފަހު ސައުދީ ސަރުކާރަށް ސިޓީއެއް ފޮނުވާފަ. މިހާރު އެސިޓީގެ ޖަވާބުވެސް ވަނީ ލިބިފަ“
މީގެ އިތުރަށްވެސް، މެލޭޝިޔާއަށް ކުރެއްވި ރަސްމީި ދަތުރުފުޅުގައި އެގައުމާއިއެކު އެމްއޯޔޫއެއްގައި ސޮއިކުރައްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެ ދަތުރުފުޅުގައި މެލޭޝިޔާގެ ސްޕޯޓްސް މިނިސްޓަރ ހަނާ ޔޯ އަދި އެގައުމުގެ ފަސްޓް ލޭޑީ ޑރ. ވާން އަޒީޒާ ވާން އިސްމާއީލް އާއި ބައްދަލުކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެ ބައްދަލުކުރެއްވުމުގެ ތެރެއިން ދެ ގައުމުގެ ދޭތެރޭގައި ކުޅިވަރާއި ބެހޭ މަޝްވަރާތަކުގައި ވާހަކަދައްކާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މެލޭޝިޔާގެ ކަމާއި ގުޅުންހުރި ފަރާތްތަކުގެ އެދުމުގެ މަތިން އެމްއޯޔޫއެއް ޑްރާފްޓްކޮށްފައި މިހާރު އެކަމުގައި ގާނޫނީ ލަފާއަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ކުޅިވަރުގެ ދާއިރާއާއި ގުޅުންހުރި ރޮނގުރޮނގުންވެސް އެހީތެރިކަން ދޭނެ ކަމަށް މެލޭޝިޔާ ސަރުކާރުން ބުނެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އޭގެ ތެރެއިން އެޑިޔުކޭޝަންއާއި ބެހޭ ކޯސްތަކުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެއާއެކު، މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބޭރުން ކުޅިވަރުގެ ދާއިރާއަށް އެހީ ލިބޭނެ ކަމުގެ ޔަގީންކަން އޮތްއިރު އެހީއަކީ ހަމައެކަނި މާލީ އެހީ ނޫން ކަމަށެވެ. އެކި ގޮތްގޮތުން ރާއްޖެއަށް ލިބޭ ފުރުސަތުތަކަކީވެސް އެހީއެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވި އެވެ.
”އަޅުގަނޑުމެން މިހާރު ބޭނުންވަނީ އަޅުގަނޑުމެންގެ މޮޅެތި އެތްލީޓުން ގައުމުތަކަށް ފޮނުވައިގެން އަޅުގަނޑުމެންގެ އެތްލީޓުން ތަމްރީން ކުރުމާއި އެބޭފުޅުން (ފަންނީ ތަޖުރިބާކާރުންގެ) އެސިސްޓެންސް އަޅުގަނޑުމެންނަށް ފޯރުކޮށްދިނުމަށް“
މިސާލެއްގެ ގޮތުގައި މިިނިސްޓަރ ވަނީ ޗައިނާއާއިއެކު ކުރި މުއާމަލާތެއް ނަންގަވާފަ އެވެ. އެ މުއާމަލާތުގެ އެހީގައި 20 ވޮލީ ކޯޗުން ތަމްރީން ކުރުމަށް ޗައިނާއަށް ފޮނުވާފައިވާ ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވި އެވެ. މި ކޯޗުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާނެ ކަމަށްވެސް މިނިސްޓަރ މައުލޫމާތު ދެއްވި އެވެ. މިނިސްޓަރ ވިދާޅުވީ ކުޅިވަރުގެ އެކިއެކި ވަސީލަތްތައް ފޯރުކޮށްދިނުމުގައިވެސް ޗައިނާއިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ.
ޖަޕާން ސަރުކާރާއިއެކު ކުރެވުނު މަޝްވަރާގެ ތެރެއިން ރާއްޖޭގައި ރެކެޓް ސްޕޯޓްގެ ދާއިރާއިން އެހީތެރިކަން ލިބުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރަށްވެސް، ކުޅިވަރު ބޭނުންކޮށްގެން ސްކޫލުތަކުގެ ދަރިވަރުންނަށް އެހެން ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއްވެސް ކުރިއަށްގެންދެވިފައިވާ ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވި އެވެ. އެގޮތުން، އިޓަލީގެ ހައި ކޮމިޝަނާ، ޖޯޖިއާގެ އެހީއާއިއެކު ފ. އަތޮޅުގައި ފަސް ރަށް ހިމެނޭހެން ގާތްގަނޑަކަށް 200 އެއްހާ ކުދިންނަށް ފުޓްބޯޅަ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްގެންދެވިފައިވާ ކަމަށް މިނިސްޓަރ މައުލޫމާތު ދެއްވި އެވެ. ކޯޗުން ތަމްރީން ކުރުންވެސް މި ޕްރޮގްރާމްގެ ތެރޭގައި ހިމެނުނެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ މުޅިން އާ މޮޑެލަކަށެވެ. އިޓަލީގެ ދެ ޔުނިވާސިޓީއެއްގެ މެރިން ބަޔޮލޮޖިސްޓުންގެ އެހީއާއިއެކު ކުދިންނަށް ފުޓްބޯލް ތަމްރީން ދިނުމުގެ އިތުރުން ފަރުތަކާއި ބެހޭ މައުލޫމާތު އުނގަންނައިދީފައި ވެއެވެ. މުރަކަ ރީސްޓޯ ކުރުމަށް އެކުދިންނަށް ދަސްކޮށްދީފައި ވެއެވެ. 2 އަހަރަށް ދިގުދެމިގެންދާ މި ޕްރޮގްރާމަކީ ސަރަހައްދުގައިވެސް މުޅިން އަލަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. ފަރުތަކަށް ލިބޭ ގެއްލުން ފުޓްބޯޅައިގެ ތެރެއިން އިޔާދަކުރަން ދަސްކޮށްދިނުމަކީ މި ޕްރޮގްރާމްގެ އެއް މަގްސަދެވެ.
”މިއީ އަޅުގަނޑުމެން އަބަދުވެސް ދައްކާ ވާހަކައެއް. ކުޅިވަރު ކުޅޭ މެޗްތައް ކުޅުމެއް އެކަންޏެއް ނޫން. ކުޅިވަރާއި ގުޅުންހުރި މީޓިންސްތައްވެސް ބާއްވަން ރާއްޖެއަކީ ޑެސްޓިނޭޝަންއަކަށް ހެދުން“
މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން