ދައުލަތުގެ ދަރަންޏާބެހޭ ބިލު އަދި ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ދައުލަތުގެ ދަރަންޏާބެހޭ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހް އެވެ. އަދި ސަރުކާރުގެ ފަރާތުން ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އެވެ.
މި ދެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. މި ދެ ބިލުވެސް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 81 މެންބަރުންގެ އިއްތިފާގުންނެވެ.
ދައުލަތުގެ ދަރަންޏާބެހޭ ބިލުގައި ވަނީ ދައުލަތުގެ ދަރަނިތައް ނެގުމާއި ބެލެހެއްޓުމާއި މެނޭޖު ކުރުމަށް ޑެޓް މެނޭޖްމެންޓް އޮފީހެއް ހުޅުވަން ހިމަނާފަ އެވެ. އެގޮތުން ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ގާނޫނަކަށްވެ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ޑެޓް މެނޭޖްމެންޓް އޮފީހެއް، ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގައި ގާއިމު ކުރަން ޖެހޭނެ ކަމަށެވެ.
ޑެޓް މެނޭޖްމެންޓް އޮފިސް ވުޖޫދުވުމާއެކު ފިނޭންސް މިނިސްޓްރީގައި މިހާރު އޮތް ޑެޓް މެނޭޖްމެންޓް ޑިޕާޓްމެންޓުގެ އެންމެހާ ގާޏޫނީ ޒިންމާތަކާއި މުވައްޒަފުންނާއި މުދަލާއި ވަސީލަތްތަކާއި އިލްތިޒާމުތަކާއި އިމްތިޔާޒުތައް އަލަށް އުފެދުނު އިދާރާއަށް ބަދަލުވެގެން ދާނެކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި ޑެޓް މެނޭޖްމެންޓް އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ޕްރޮފެޝަނަލް ކަމާއެކު ސިޔާސީ ނުފޫޒުން ނުވަތަ އެނޫންވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެގެން ކަމަށް ބިލުގައި ބުނެފައިވެ އެވެ. ޑެޓް މެނޭޖްމެންޓް އޮފީހުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ފިނޭންސް މިނިސްޓަރެވެ.
އަލަށް އުފައްދާ ޑެޓް މެނޭޖްމެންޓް އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން އެކަށީގެންވާ މިންގަނޑެއްގައި ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި ދައުލަތުގެ ދަރަނި ދައްކަންޖެހޭ މުއްދަތުތަކުގައި ދެއްކުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމާއި ދައުލަތުގެ ދަރަނީގެ ޕޯޓްފޯލިއޯގައި ހިމެނޭ ހިރާސްތައް ކުޑަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން ހިމެނެ އެވެ.
މީގެއިތުރުން ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ހުށަހަޅާ ސަބަބެއްގެ ގޮތުން ބުނެފައިވަނީ، މިހާރު އަމަލުކުރަމުން އަންނަ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބަދަލުގައި، އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވޭނެ ފިސްކަލް ހަމަތަކާގުޅޭ އާ ނިޒާމެއް ތައާރަފުކޮށް، ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލުކުރެވޭނެ ފަދައިން ދެމެހެއްޓެނެވި، ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރުކުރުމުގެ ގޮތުން، ދައުލަތުގެ ފިސްކަލް ކަންކަމާގުޅޭ ހަމަތަކާއި އަމާޒުތަކާއި އުސޫލުތައް ބަޔާންކުރުން ކަމަށެވެ.
މި ބިލުގައި ބުނެފައިވާގޮތުން ކޮންމެ ރިޔާސީ ދައުރެއް ފެށޭތާ ހަ މަސްދުވަސް ހަމަވުމުގެ ކުރިން، އެ ރިޔާސީ ދައުރުގެ ފަސް އަހަރު ދުވަހުގެ މުއްދަތަށް އަމަލުކުރަންޖެހޭ ފިސްކަލް ޒިންމާގެ ޗާޓަރެއް، މި ޤާނޫނާ އެއްކޮށްވާގޮތުގެ މަތިން އެކުލަވާލަންވާނެ ކަމަށެވެ.