ދުނިޔޭގައި ހިނގާ ހަނގުރާމަތަކަށް ފަންޑް ކުރަން ފައިސާ ހޭދަކުރާއިރު އިޔާދަކުރަނިވި ހަކަތައާއި ތިމާވެށީގެ ކަންކަމަށް ފައިސާ ހަރަދު ނުކުރެވެންވީ ކީއްވެގެންކަމާއި ދޭތެރޭ ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ސުވާލު އުފައްދަވައިފި އެވެ.
މިނިސްޓަރ މިގޮތަށް ސުވާލު އުފެއްދެވީ ރޭ ބީބީސީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި މިނިސްޓަރ މިފަދައިން ސުވާލު އުފެއްދެވީ ނިމިދިޔަ ކޮޕް29 ގައި މޫސުމީ ބަދަލުތަކާއި ގުޅިގެން ކުދި ޖަޒިރާތަކަށް ގައުމުތަކަށް ކަނޑައެޅި ފައިސާ އެކަށޭނެ ނުވާކަން ފާހަގަކުރައްވަމުން ނެވެ.
”ކްލައިމެޓް ފައިނޭންސްގެ ވާހަކައަށް އައިސްފިއްޔާ، ދެފަހަރަށް ވިސްނާނުލާނެ. އެކަމަކު، ހަނގުރާމައާއި (ތަންތަން) ސުންނާފަތި ކުރުމަށްވެއްޖެއްޔާ، މަސްތަކެއްގެ ތެރޭގައި ފައިނޭންސް ލިބޭނެ“
މިނިސްޓަރ ވިދާޅުވީ މިފަހުން މޫސުމީ ބަދަލުތަކާއި ގުޅިގެން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެކިގޮތްގޮތުން އަސަރު ކުރާ ކަމަށެވެ. އެގޮތުން ރާއްޖެ އަށް ބަލާއިރު ރާއްޖެއަށް މިއަހަރު ތެރޭގައި ރެކޯޑް އަދަދަކަށް ވިއްސާރަ ވެހުމާއި ރަށްގިރުމާއި ދިޔަވަރު ބޮޑުވުން ފަދަ ކަންތައްތައް މެދުވެރިވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. 186 ފަޅުރަށްރަށުގައި ރަށްގިރުމުގެ މައްސަލަ އުފެދޭކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އެހެންކަމުން، ރަށްގިރުމުން ސަލާމަތްކުރުމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ރަށްރަށުގައި ހަރުދަނާ ނަރުދަމާގެ ނިޒާމެއް ގާއިމުކުރަންވެސް ޖެހޭ ކަމަށް މިނިސްޓަރ ޖަވާބުދެއްވި އެވެ.
ފައިސާ ބޭނުންވާ އިތުރު ކަމެއްގެ ގޮތުގައި ލޮނުފެން ފަށަލައިގެ އަސަރުކުރުމުގެ ސަބަބުން ސާފު ވަޅު ފެން ނުލިބުމުގެ ދަތިކަމަށްވެސް މިނިސްތަރ އަލިއަޅުވާލެއްވި އެވެ. މިފަދަ މައްސަލަތަކުން ދިމާވާ އަސަރުތަކަށް ކޮޕް އިން އެކަށޭނަ މިންވަރެއް ދޭން ޖެހޭ ކަމަށް މިނިސްޓަރ އޮޅުންފިލުވާދެއްވި އެވެ. ބައިނަލްއަގްވާމީ އެސެސްމެންޓްތަކުގެ ނަތީޖާއަށް ރިއާޔަތްކުރައްވަމުން މިނިސްޓަރ ވިދާޅުވީ 2035 ވަނަ އަހަރުގެ ނިޔަލަށް އަހަރެއްގެ މައްޗަށް 1.3 ޓްރިލިއަން ޑޮލަރު ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށް ބޭނުންވާ ކަމަށް ލަފާކުރައްވާފައިވާ ކަމަށެވެ.
އޭގެ ބަދަލުގައި ކުދި ޖަޒިރާ ގައުމުތަކަށް ދިނުމަށް ކޮޕް 29 އިން ކަނޑައަޅާފައިވަނީ 3 ބިލިއަން ޑޮލަރެވެ. އެވެސް ލޯން ނުވަތަ އެހެން ފައިނޭންސް އުސޫލުތަކުން ނެވެ. އޭގެ ބަދަލުގައި ގްރާންޓް ބޭސްޑް އެހީގެ ގޮތުގައި ފައިސާ ދިނުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފަ އެވެ.
މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ