އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނާދެވޭ ގޮތަށް ހެދުމުގެ މައްސަލައިގައި ފަލަސްތީނުގެ ބަހެއް ހޯދަން ޖެހޭ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މި އިސްލާހުގެ މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންނެވެ.
މިއަދު ކުރިއަށް ގެންދިޔަ މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއި މެދު ހިންގަމުންދަނީ ލާއިންސާނީ، އަނިޔާވެރި، ގަތުލްއާންމުގެ އަމަލުތަކެއް ކަމަށެވެ.
ފަލާހު ވިދާޅުވީ އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމަށް މަޖިލީހުން ނިންމަންވާނީ އެކަމާމެދު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެގޮތުން ފަލަސްތީނުގެ ގުޅުންހުރި އިދާރާތައް އެބަހުރިކަން ފާހަގަކޮށް ފަލާހު ވިދާޅުވީ ރާއްޖެއަށް އިޒްރޭލް ރައްޔިތުން އައުން މަނާ ކުރުމުން ފަލަސްތީނަށް ކިހާ، ފައިދާއެއް ހުރިތޯ ނުވަތަ ލިބޭނެ އުފާވެރި ކަމަކީ ކޮބައިތޯ ބަލަންޖެހޭ ކަމަށެވެ. ފަލަސްތީނުގެ އިތުރުން އަރަބި އެހެން ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލަފާވެސް ހޯދަންޖެހޭ ކަަމށް ފަލާހު ވިދާޅުވި އެވެ.
މީކާއިލް އިސްލާހު ހުށަހަޅާފައިވަނީ އިމިގްރޭޝަން ޤާނޫނުގެ 8 ވަނަ މާއްދާ “ރާއްޖެ އެތެރެވުމުގެ ހުއްދަނެތް މީހުން” މި މާއްދާއަށެވެ. މީކާއިލް ހުށަހަޅާފައިވަނީ އިޒްރޭލުގެ ޕާސްޕޯޓް ގެންގުޅޭ މީހުން އަދި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރަށް އެހެން ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ މީހުންވެސް ރާއްޖެ އެތެރެވުން މަނާކުރުމަށެވެ.
މި ބިލުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް 241 ކޮމިޓީން ވަނީ ނިންމާފަ އެވެ.
ރައްޔިތުންގެ މަޖިލިސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު