ރާއްޖެ ސަރަހައްދުން އަތުލައިގަތް ލަންކާ ބޯޓަކުން 468.7 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
އިސްކަންދަރު ކޮށީގައި މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް އަލީ ސުޖާއު ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ރާއްޖޭގެ އުތުރުން ދަތުރުކުރި ލަންކާއަށް ނިސްބަތްވާ މަސް ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އަދިި އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވިގޮތުގައި ޕްރައިމެރީ ޓެސްޓްތަކުގެ ނަތީޖާއިން ދައްކާގޮތުގައި އަތުލައިގަތް މަސްތުވާތަކެތީގެ ތެެރޭގައި 344 ކިލޯގެ މެތް، 124.6 ކިލޯގެ ކޮކެއިން ހިމެނެ އެވެ. މި އެއްޗެހީގެ އަގަކީ އެއް ބިލިއަން ރުފިޔާ ކަމަށް ޝުޖާއު މައުލޫމާތު ދެއްވި އެވެ.
”އެ ބޯޓުގައި ތިބީ ސްރީލަންކާއަށް ނިސްބަތްވާ 05 މީހުން. މި އެންމެންނަކީވެސް ފިރިހެނުން. މިއަދު ހެނދުނު 9:30ގައި އެމްއެންޑީއެފްގެ ބޭފުޅުންނާއެކު ކުޅުދުއްފުށީ ސިޓީގެ ފުލުހުން މި އުޅަނދު ބަލާފާސްކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ވަނީ ފެނިފަ. ޓެސްޓުތަކުގެ ނަތީޖާތައް ދައްކާ ގޮތުގަ 344 ކިލޯގެ މެތު އަދި 124.07 ކިލޯގެ ކޮކެއިން ވަނީ ފެނިފަ“
މިފަދަ ޝައްކުވާ ޒާތުގެ ބޯޓުފަހަރުގެ މައުލޫމާތު ފުލުހުންނަށް ލިބެމުންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މިއަދު ހަވީރު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ހދ. މަކުނުދޫ ބޭރުން މަސްބޯޓެއް ކަމަށް ބެލެވޭ ބޯޓެއް ހުއްޓުވާ ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ކުޅުދުއްފުށީ ސިޓީއަށް ގެންދިޔަ ކަމުގެ މައުލޫމާތު ރޭ ދަންވަރު 12:40 ހާއިރު އެމްއެންޑީއެެފުން ފުލުހުންނަށް ދީފައިވާ ކަމަށެވެ.
އަދި އެބޯޓު މިއަދު ހެނދުނު ކުޅުދުއްފުށީ ސިޓީގެ ބަނދަރަށް ގެނައުމާއިއެކު ހެނދުނު 09:30 ހާއިރު ފުލުހުންނާއި ސިފައިން އެކުގައި ބޯޓަށް އަރައި ބަލާފާސްކުރުމުގެ ތެރޭގައި 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
މި އޮޕަރޭޝަނަކީ އެކި އެޖެންސިތަކާ ގުޅިގެން ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން ކާމިޔާބު މަސައްކަތެއްކަން ސީޕީ ވަނީ ފާހަގަކުރައްވާފައެވެ.