އިލެކްޝަންސް ކޮމިޝަން (އީސީ) އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންތަކެއް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވާފައިވާއިރު އެ ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކޮމިޓީ ބައްދަލުވުމުގައި ނިންމާފައިވަނީ އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމާއި މެންބަރު ތޯހާ މުހައްމަދާއި އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރު މަގާމުން ވަކި ކުރުމަށެވެ.
މިމަހުގެ 12 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މި މައްސަލާގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް ވެސް ވަކިކުރުމަށް ހުށަހެޅި އެވެ. ނަމަވެސް މިއަދު ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުމުގައި ނާސިހް ވަކިކުރުމާ ގުޅޭގޮތުން ގޮތެއް ނުނިންމަ އެވެ.
ކޮމިޝަންތަކުގެ މެންބަރުންތަކެއް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ފޮނުވީވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. އެ ކޮމިޓީން ބުނެފައިވަނީ މި މެންބަރުންނާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބެލުމަށް ފަހު މި މައްސަލަތަށް ދިރާސާ ކުރުމަށް ފެންނަކަމަށް އެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އިލެކްޝަންސް ކޮމިޝަން (އީސީ) އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)