އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤްގެ ދައުރު ހަމަވެ، އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގެންފި އެވެ.
ފުއާދަކީ ގިނަ ރައްޔިތުންނެއްގެ އިތުބަރު ހޯދެވި އިލެކްޝަންސް ކޮމިޝަންގެ ހަމައެކަނި ރައީސް އެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު އެންމެ ގޯސްވި ދުވަސްވރު ބޭއްވުނު އިންތިހާބުތަކަށްވެސް ރައްޔިތުންގެ އިތުބާރު ހޯދެވީ ފުއާދު ތައުފީޤްގެ ރިޔާސަތުގެ ދަށުންނެވެ.
ފުއާދު ތައުފީޤް އެންމެ ފުރަތަމަ، އިލެެކްޝަންސް ކޮމިޝަންގެ ހިދުމަތާއި ގުޅިވަޑައިގަތީ 2008 ވަނަ އަހަރު، އިންތިޤާލީ ކޮމިޝަންގެ މެންބަރެއްގެ ގޮތުގަ އެވެ.
ފުއާދުގެ އިލެކްޝަންސްގައި އަދާކުރެއްވި މަޤާމުތައް؛
- އިންތިޤާލީ ކޮމިޝަންގެ މެމްބަރު
04 ސެޕްޓެމްބަރު 2008- 14 ސެޕްޓެމްބަރު 2009
- އިންތިޤާލީ ކޮމިޝަންގެ ރައީސް
15 ސެޕްޓެމްބަރު 2009- 23 ނޮވެމްބަރު 2009
- ކޮމިޝަންގެ ރައީސް
24 ނޮވެމްބަރު 2009- 9 މާރިޗު 2014
- ކޮމިޝަންގެ މެމްބަރު
24 ނޮވެމްބަރު 2019- 14 ސެޕްޓެމްބަރު 2021
- ކޮމިޝަންގެ ރައީސް
15 ސެޕްޓެމްބަރު 2021- 23 ނޮވެމްބަރު 2024
އިންތިހާބުތައް ބޭއްވުމުގެ އިތުރުން، އިންތިހާބީ ނިޒާމަށް ރައްޔިތުން ހޭލުންތެރިކުރުވައި، ޑިމޮކްރަސީއަށް ރައްޔިތުން އަހުލުވެރިކުރުމަށްވެސް ފުއާދު ތައުފީޤް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތުދެއްވަމުން ފުއާދު މީގެކުރިން ވިދާޅުވެފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ހިދުމަތުން އޭނާ ދުރަށް ވަޑައިގަންނަވަނީ ހިތްހަމަޖެހުމާއެކު ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޤައުމީ ހިދުމަތުގައި ދެމި ހުންނަވާނެކަން ފުއާދު ހާމަކުރެއްވި އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ފެނިވަޑައިނުގަންނަވާނެކަމަށް ފުއާދު ވިދާޅުވި އެވެ.