ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތާއީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ”ހަފްތާ 52“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ރައީސް މުޢިއްޒަކީ ރާއްޖޭގެ ފެހި ޤާނޫނުއަސާސީގެ ދަށުން ދެވަނަ ދައުރެއް ފުރިހަމަކުރައްވާނެ ފުރަތަމަ ރައީސްކަމުގައި ވެގެންދާނެ ކަމަށެވެ.
ސިޔާސީ ހިސާބު ޖައްސަވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ރަނގަޅަށް ދެނެވަޑައިގެންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެގޮތުން ރާއްޖޭގެ އުތުރުން ފެށިގެން ދެކުނާ ހަމައަށް، ކޮންމެ ރަށެއްގެ ސިޔާސީ ފިކުރާއި ރައްޔިތުންގެ ވިސްނުން އެނގިވަޑައިގަންނަވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކުރިއަށް އޮތް ހަތަރު އަހަރަށް ބައްލަވާއިރު، ރައީސް މުޢިއްޒުގެ ސަރުކާރު ވަރަށް ކާމިޔާބު ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި، އަދި ގޮންޖެހުންތަކާއި ފާޑުކިޔުންތަކާ ކުރިމަތިލައިގެން ކާމިޔާބު ހޯދުމަށް ފަސޭހަވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ތާއީދު ރައީސް މުޢިއްޒަށް އިތުރުވަމުންދާއިރު، ބައެއް ސިޔާސީ ލީޑަރުންގެ ތަރި އޮއްސެމުންދާކަމަށްވެސް ފާހަގަކުރެއްވި އެވެ.
އިތުރުފުޅު ހެއްދެވުމާ، މާބޮޑަށް ޒާތީވެވަޑައިގަތުމާ، ސިޔާސީ ބުރަދަނެއް ނެތްބަޔަކު ބުނާގޮތަކަށް ކަންތައްތައްކުރުމާ، މިކަހަލަ ކަންކަންތައްތަކަކާހެދި ބައެއް ސިޔާސީ ލީޑަރުން ދިވެހިރާއްޖޭގެ ސިޔާސީ އުދަރެހުން އެބޭފުޅުންގެ ސިޔާސީ ތަރި އޮއްސެމުންދާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަޅުގަނޑަށް ފެންނަނީ ވަރަށް ބޮޑަށް އެބޭފުޅާގެ ތާޢީދު އިތުރުވާ ބޭފުޅެއްގެ ގޮތުގައި.
އަބްދުއްރަހީމް ވަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބެލުމުން ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ދުވަހަކުވެސް ނުހިނގާވަރަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނެކަން ފެންނަން އޮތް ކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދައުލަތުގެ ބަޖެޓް