ބައިނަލްއަގްވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް އަދި ހަމާސްގެ ލީޑަރު މުހައްމަދު ދެއިފް (އަލް މަސްރީ) ހައްޔަރުކުރުމަށް އަމުރެއް ނެރެފި އެވެ.
އަލްޖަޒީރާ އިން ރިޕޯޓުކުރި ގޮތުގައި، މި ތިން މީހުން ހައްޔަރުކުރުމަށް އައިސީސީން އަމުރު ނެރުނީ ގައްޒާގައި ނިމިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހިންގި ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުންނެވެ. އައިސީސީން ބުނި ގޮތުގައި މި ޖަރީމާތަކުގެ ތެރޭގައި ”ގައްޒާގައި ކުރާ ހަނގުރާމައިގައި ބަނޑުހައިހޫނުކަމާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް ކަމަށްވާ މީހުން މަރާލުމާއި ގޯނާކުރުމާއި އެހެނިހެން ލާއިންސާނީ އަމަލުތައް“ ހިމެނެ އެވެ.
މި އަމުރާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ބަޔާނެއް ނެރެ، މި އަމުރަކީ ”ޔަހޫދީންނާ ދެކޮޅު“ އަދި ”ތާކުންތާކު ނުޖެހޭ“ އަމުރެއް ކަމަށް ބުނެ، އެ އަމުރަށް ކިޔަމަން ނުވާނެ ކަމަށް ބުނެފަ އެވެ.
ހަމާސްގެ ލީޑަރު މުހައްމަދު ދެއިފް ހައްޔަރުކުރުމަށް އަމުރު ނެރުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެންނެވެ. ދެއިފްއަކީ މި ހަމަލާގެ ފަހަތުގައިވާ އެއް މޭސްތިރިއެވެ. މި ހަމަލާއަށްފަހު އިޒްރޭލުން ވަނީ ހަމަ އެދުވަހު ގައްޒާގައި ހަނގުރާމަ ފަށާފަ އެވެ.
އައިސީސީން ދެއިފް ހައްޔަރުކުރަން އަމުރު ނެރުނު އިރު، އިޒްރޭލުން ވަނީ މިއަހަރުގެ ކުރީކޮޅު ދިން ވައިގެ ހަމަލާއެއްގައި އޭނާ މަރާލާފައިވާ ކަމަށް އަޑުފަތުރާފަ އެވެ. ނަމަވެސް، އައިސީސީން ބުނެފައިވަނީ ދެއިފް މަރުވިކަން ކޯޓަށް ކަށަވަރުވެފައިނުވާތީ އޭނާ ހައްޔަރުކުރަން އަމުރު ނެރެން ޖެހުނު ކަމަށެވެ.