ޤާނޫނު އަސާސީއަށް އިއްޔެ ގެނައި އިސްލާހްތަކުގެ ސަބަބުން ދެނެއް ރައްޔިތުން އެކަހެރިކޮށެއް ނުލެވޭނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ޤާނޫނު އަސާސީއަށް ބޮޑު ތިން އިސްލާހެއް ގެނައުމަށް ފާސްކޮށްފަ އެވެ.
އެ އިސްލާހުތަކާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ މަޖިލީހުން އިއްޔެ ނިންމި ފުރިހަމަ އަދި ތާރީހީ ނިންމުންތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީގެ ފުރިހަމަ ބާރު ލިބިގެންދާނެ ކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން މުހިންމު ކަންކަން ނިންމުމުގައި ދެނެއް ރައްޔިތުން އެކަހެރިކޮށެއް ނުލެވޭނެކަމަށް ހަމްދާން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ ޤާނޫނު އަސާސީއަށް ގެނައި މުހިންމު ތިން އިސްލާހަކީ؛
-
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ނުވަތަ އީއީޒެޑްއާ ގުޅޭ މާއްދާ ކުރިއަށް ވުރެ ހަރުކަށި ކުރުން
-
ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ރުހުން ދީގެން ނޫނީ ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭ ގޮތަށް ހެދުން
- ސިޔާސީ ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭގޮތް ހެދުން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރޭގަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީއަށް ގެނައި އިޞްލާޙުތަކަކީ ރައްޔިތުންނަށާއި ޤައުމަށް ވަރަށް މުހިންމު އިޞްލާޙުތަކެއް ކަމަށެވެ.
އީސް ވިދާޅުވި ގޮތުގައި، މީގެ ކުރިން ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް ގެންނަން ބޭނުންވާނަމަ، ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވުން އެކަނި ފުދޭ ކަމަށް އޮތް އޮތުން މިހާރު ވަނީ ބަދަލުވެފަ އެވެ. މިހާރު އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކުރުމަށްފަހުގަ އެވެ.
މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް) އާ ހަމައަށް ކަނޑައެޅުމުގެ ފުރުޞަތު މި އިޞްލާޙާއެކު ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި މިގޮތަށް ކަނޑައަޅާ ސަރަޙައްދަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓު ލިބުމުގެ އިތުރުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ޢަމަލީ ގޮތުން ޙަރަކާތްތެރިވާނަމަ، އެކަމަށް މަޖިލީހުން ރުހުން ލިބި ފާސްވާންޖެހޭ ކަމަށް ކަނޑައަޅާފައިވާކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. އޭގެއިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގާ ކަންކަމަށް ބަދަލު ގެނެވޭނީ އެ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ވޯޓަކަށް އެހުމަށްފަހުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ‘އެންޓި ޑިފެކްޝަން’ ޤާނޫނު އަސާސީގައި ހިމެނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ކުރު މެދު އަދި ދުރު ރާސްތާގެ ޕްލޭންތައް ހެދުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެން ދިޔަކަންވެސް ފާހަގަކުރެއްވި އެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާޙުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ތަރައްޤީއާއި، ހަމަޖެހުމަށްޓަކައި، ނުހަނު ޖޯޝާއެކު ޤައުމީ ރޫޙުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެއް ކަމުގަ އެވެ. އަދި މިފަދަ ނިންމެވުމެއް ނިންމެވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.
ހަމްދާން ޝަކީލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިސް