ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދު އަނިޔާވެރިކޮށް މަރާލި މައްސަލައިގައި ހައްޔަރުކޮށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާކުރި އަހުމަދު މުއާޒު (ގަޓު މުއާ) އަށް ކުރި ދައުވާއާ ގުޅިގެން އޭނާއަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށްއެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދާނެތަނެއް ނެތް ކަމަށް ހުކުމް ކޮށްފި އެވެ.
ނޫސްވެރިޔާ އަހްމަދު ރިލްވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލާގައި ދައުވާކޮށްފައިވަނީ އަހުމަދު މުއާޒް (ގަޓު މުއާ) އާއި އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި އަހުމަދު އިސްމާއިލް (އަހަނދު) އަށެވެ. އިސޫގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ. އަދި ގަޓު މުއާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ ކަމަށްވާއިރު އަހަނދުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އެވެ.
ކުރީ ސަރުކާރުން އެކުލަވާލި މަރު ކޮމިޝަނުން ތައްޔާރުކުރި ތަހުގީގު ރިޕޯޓުގެ މައްޗަށް މި ތިން މީހުންގެ ދައުވާ ކޮށްފައިވަނީ 1 ސެޕްޓެމްބަރު 2023 ގައެވެ. އެހެންނަމަވެސް އެ ތިން މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ނޮވެމްބަރު 2023 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
މި މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދިނުމަަށް މުއާޒު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، 26 ޖޫން 2022 އިން ފެށިގެން 21 ނޮވެމްބަރު 2023 އާ ހަމައަށް ހައްޔަރުގައި ބަހައްޓައި، ޖިނާއީ ދައުވާކޮށް އެ މުއްދަތުގައި މުއާޒް ޖަލުގައި އެކަހެރިކޮށް ބަހައްޓާފައި ހުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެގޮތުގައި ޖުމުލަ 4،451،195.25 އާއި އެގްރެވޭޓެޑް ޑެމޭޖަސްގެ ގޮތުގައި ޖުމުލަ 4،451،195.25 އަދި އެގްޒަމްޕްލަރީ ޑެމޭޖަސްގެ ގޮތުގައި 5 ލައްކަ ރުފިޔާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި މަރު ކޮމިޝަން އަދި ފަރުދީގޮތުން ކޮމިޝަންގެ މެންބަރުން ކަމަށްވާ ފަރީޝާ އަބްދުﷲ އާއި މިސްބާހު އައްބާސް އަދި އަހްމަދު ނާޝިދުގެ ކިބައިން ހޯދައި ދިނުމަށެވެ.
މި މައްސަލައިގައި ދައުލަތުގެ ފަރާތުން އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ކޯޓުގެ އިހުތިސާސާމެދު ސުވާލު އުފައްދާފަ އެވެ. އަދި ކޮމިޝަނަށް ރައްދުވާގޮތަށް މައްސަލަ ހުށަނޭޅޭނެ ކަަމަށާއި ޕްރޮސިކިއުޓާ ޖެނެރަލް އަދި ކޮމިޝަންގެ މެންބަރުންނަށް ޤާނޫނުން ހިމާޔަތް ދީފައިވާކަން ފާހަގަ ކޮށްފައިވެ އެވެ.
ސިވިލް ކޯޓުގައި މިމައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ، ހެޔޮނިޔަތެއް ނެތި ތަހްގީގެއް ހިންގައި ދައުވާކޮށްފައިވާ ކަމަށް ބަލާނެ ނުވަތަ ކަނޑައަޅާނެ މިންގަނޑެއް ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ނެތް ކަމަށެވެ. އެކަން އެގޮތަށް މަދަނީ މައްސަލައެއްގެ ތެރެއިންވެސް ބަލަންވާނީ ޕްރޮސިކިއުޓާ ޖެނެރަލާއި ތަހުގީގުކުރާ ފަރާތްތަކަށް ލިބިދޭ މިނިވަންކަމާއި އިހްތިޔާރުތަކާއި ބާރުތަކަށް ހުރަސްނޭޅޭ ގޮތަކަށް ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށްވެސް ފާހަގަ ކޮށްފައިވެ އެވެ.
ކޯޓުގެ އިހުތިސާސާމެދު ސުވާލު އުފެއްދާފައިވާ މައްސަލައިގައި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ، މި މައްސަލައިގައި ކޮމިޝަންގެ ފަރާތުން އެ ފަރާތާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި ބާރުގެ ބޭރުން ޤާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ނުވަތަ ނުނިޔަތެއްގައި މަސައްކަތްކޮށްފައިވާ ކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް އެކަމާ ގުޅޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިއީ ކޯޓުން ބެލިދާނެ މައްސަލައެއް ކަމަށް ދައުލަތުން ނުދެކޭކަން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން މި މައްސަލައިގައި ޝަރީއަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކަށް ރިއާޔަތްކޮށް މިމައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާ ކަންތައްތަކެއް ހުރިތޯ ބަލައި އެކަމުގައި ގޮތެއް ނިންމިދާނެ ކަމަށް ދެކޭ ކަމަށްވެސް މައްސަލަ ބެއްލެވި ގާޒީ ފާހަގަ ކުރައްވާފައިވެ އެވެ.
ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގައި ސިވިލް ކޯޓުން މިއަދު ނިންމާފައިވަނީ މި ދައުވާ ކުރިއަށް ގެންދާނެތަނެއް ނެތްކަމަށެވެ.