ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތެއް ދިނުމަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެދިއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވާ، ބަހުސް ކުރިއަށްގެންގޮސް އަދި ކޮމިޓީ މަރުހަލާވެސް މިހާރު ވަނީ ނިންމާފަ އެވެ. އެއް ދުވަހުން މި އިސްލާހުގެ މަސައްކަތް ނިންމުމަށް މިއަދު ހަވީރު 05:30 ގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.
ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ބާ ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ އިސްލާހާއި މެދު ބާ ކައުންސިލްގެ އާންމު މެންބަރުންނާއި ޤާނޫނީ ދާއިރާގެ އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ. އަދި އެ ބިލާ ގުޅިގެން ބާ ކައުންސިލްގެ އާންމު މެންބަރުންގެ ޚިޔާލާއި މަޝްވަރާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ މުހިއްމު ކަމެއްކަމަށް އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީއަށް ފެންނަ ކަމަށެވެ.
ބާ ކައުންސިލުން ބުނެފައިވަނީ އެ ބިލަށް ޚިޔާލު ހުށަހެޅުމަށް ފުރުސަތެއް ދެއްވުން އެދި ރައްޔިތުންގެ މަޖިލީހަށް ބާ ކައުންސިލުގެ ފަރާތުން މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
މީގެއިތުރުން ބާ ކައުންސިލުން ބުނެފައިވަނީ، ޤާނޫނުއަސާސީއަށްގެނެވޭ އިސްލާހެއް ނުވަތަ ބަދަލަކީ ރައްޔިތުންގެ ބައިވެރިވުމާއި، ޚިޔާލު ހޯދުމާއެކު، ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން ގެނެވޭ އިސްލާހުތަކެއްކަމުގައި ވުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށެވެ. އަދި ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވާ ޚިޔާލުތައް ހުށަހެޅުމަށް އެކަށިގެންވާ ފުރުސަތެއް ލިބޭގޮތަށް މި ބިލުގެ ކަންކަން އިންތިޒާމުކޮށްދެއްވުމަށް ގޮވާލާފައިވެ އެވެ.
ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުން މައިގަނޑުގޮތެއްގައި ފާހަގަ ކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ހުށަހަޅާފައިވާ އިސްލާހެވެ.
މި އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި އެ މެންބަރަކު ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.